ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ ބޭފުޅުން އަނެއްކާވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުފުޅުކުރައްވައިފި އެވެ.
ސަން އައިލެންޑް ރިސޯޓުގައި ރޭ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ގދ. އަތޮޅުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝާދު ހުސެއިން އަދި މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް އެވެ.
ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ހުސެއިން ފިރުޝާން ވަނީ މި ބައްދަލުވުމުގެ ފޮޓޯއެއް ޓްވިޓާގައި ހިއްސާކުރައްވާފަ އެވެ.
ރައީސް ސޯލިހުގެ އަރިސް ދެ ބޭފުޅުން ކަމުގައިވާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒް ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ގާސިމްއާއި ބައްދަލުފުޅުކުރައްވާފަ އެވެ. އެ ބޭފުޅޫން ކުރެއްވީ ޖޭޕީއާއިއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކަމުގައި މައުލޫމާތު ލިބެ އެވެ. ނަމަވެސް، މި ބައްދަލުވުމުގައި ވަކި ހުށަހެޅުމެއް ނެތް ކަމަށާއި އަދި ވަކި ކަމަކަށް އެއްބަސްވެފައި ނުވާ ކަމަށް އެމްޑީޕީއިން މައުލޫމާތުދެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެކުގައި ނުކުތުމަށް އެދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސްް ސޯލިހުގެ ފަރާތްޕުޅުން ކޯލިޝަނުގެ ބައިވެރިންނަށް އިއްޔެ ވަނީ ސިޓީފުޅެއް ވެސް ފޮނުވާފަ އެވެ.
ކޯލިޝަނުގެ ބައިވެރިން އަދި ރިޔާސީ އިންތިހާބާއި މެދު ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް، ޖޭޕީ ކޮންގްރެސް މި މަހުގެ 24 އަދި 25 ގައި ބޭއްވުމަށް އެ ޕާޓީއިން އަންނަނީ ތައްޔާރުވަމުންނެވެ. ޖޭޕީގެ މިދައުރުގެ ލީޑަރަކަށް ވެސް އިންތިހާބުވެފައިވަނީ ގާސިމް އިބްރާހީމް އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި ރައީސް އޮފީހުގެ ވަޒީރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވަނީ މީގެ ކުރިންވެސް ސަން އައިލެންޑްގައި ގާސިމްއާއި ބައްދަލުކުރައްވާފަ އެވެ. މިބައްދަލުވުން ކުރިއަށް ދިޔައީ މި މަހުގެ ދެވަނަ ދުވަހު އެވެ.