ފޮރިން މިނިސްޓްރީ

ރާއްޖެ އާއި ޔޫކޭއާއި ދެމެދު ހިންގާ ފުރަތަމަ ސްޓްރެޓީޖިކް ޑައިލޮގް ފަށައިފި

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ކުރިއަށްގެންދާ ފުރަތަމަ ސްޓްްރެޓީޖިކް ޑައިލޮގް މިއަދު ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ޑައިލޮގްގެ މަގުސަދަކީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ގިނަ ދާއިރާތަަކަަކުން މަޝްވަރާކުރެވުން ކަމަށެވެ.

ހައިބްރިޑް ފޯމެޓަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޑައިލޮގްގައި ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވާނެ އެވެ. މިގޮތުން ރައީސް އޮފީހާއި، ހުރިހާ މިނިސްޓްރީތަކަކާއި، ފުލުހުންނާއި، އޭވިއޭޝަން ކޮމާންޑާއި، ބަންޑާރަ ނައިބު އޮފީހާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ސެކިއުރިޓީ އެޑުވައިޒާސް އޮފީހުން މި ޑައިލޮގްގައި ބައިވެރިވާނެ އެވެ. އަދި ދިވެހި ވަފްދުގައި އިސްކޮށް ހުންނަވާނީ ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހާލާ ހަމީދު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.

ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ސަރުކާރު ހިންގުން ހަރުދަނާކުރުން، ޑިމަކްރަސީ، އިންސާނީ ހައްގުތަކާއި އެކަމާ ބެހޭ ގާނޫނާއި ގަވައިދުތައް ހަރުދަނާކުރުން އަދި ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި މަތީ ތައުލީމުގެ އިތުރުން ވިސާއާއި އިމިގްރޭޝަން އަދި ގުޅުން ބަދަހިކުރުން ފަދަ ދާއިރާތަކާއި ގުޅޭގޮތުން މި ޑައިލޮގުގައި ދެގައުމުގެ ދެމެދުގައި މަޝްވަރާ ކުރެވޭނެ އެވެ.

މިއަދު މެންދުރު ފަހު 1:00 އިން ފެށިގެން އިރު އޮއްސި 6:00 އާ ހަމައަށް މި ޑައިލޮގް ކުރިއަށްދާނެ އެވެ.