ފޮރިން މިނިސްޓްރީ

ކަނޑުގެ ސަލާމަތް ކަށަވަރުކުރުމަށް ރާއްޖެ-ޔޫކޭގެ ހާއްސަ ގްރޫޕެއް އުފައްދަނީ

ކަނޑުގެ ސަލާމަތައް މަސައްކަތް ކުރާ ރާއްޖެ-ޔޫކޭގެ ހާއްސަ ގްރޫޕެއް އުފެއްދުމަށް ނިންމައިފި އެވެ.

މިފަދަ ގްރޫޕެއް އުފެއްދުމަށް ނިންމީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ފުރަތަމަ ސްޓްްރެޓީޖިކް ޑައިލޮގްގަ އެވެ.

އިއްޔެ ބޭއްވި ޑައިލޮގުގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގިނަ ދާއިރާތަަކަަކުން ވަނީ މަޝްވަރާތައް ކޮށްފަ އެވެ.

ކަނޑުގެ ސަލާމަތުގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި ޓްރޭޑިން ޕާޓްނަރުންގެ ގޮތުގައި ދެ ގައުމު ހަރަކާތްތެރިވުމަށާއި، ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ބައިވެރިވާނެ ހާއްސަ ގްރޫޕެއް އެކުލަވާލަންވެސް މި ޑައިލޮގުގައި ވަނީ ނިންމާފަ އެވެ.

މި ބައްދަލުވުމުގައި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން އިނގިރޭސިވިލާތުން ރާއްޖެއަށް ދޭ ސްކޯލާޝިޕްގެ އަދަދު އިތުރުކޮށް އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ވިސާގެ ޕްރޮސެސް ފަސޭހަކޮށްދިނުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ބްލޫ ޕްލެނެޓް ފަންޑުގެ ދަށުން އޯޝަން ކަންޓްރީ ޕާޓްނަޝިޕް ޕްރޮގްރާމް ރަސްމީކޮށް ކުރިއަށް ގެންދިއުމަށް ދެ ގައުމުގެ ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. މި މަޝްވަރާ ބައްދަލުވުމުގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއި ޓެރަރިޒަމާއި ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތައް ފަދަ ދާއިރާތަކަށް ވަނީ އަލިއަޅުވާލާފަ އެވެ.

ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެއްފަހަރު ސްޓްރެޓެޖިކް ޑައިލޮގް ކުރިއަށް ގެންގޮސް، މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް މި ޑައިލޮގްގައި ވަނީ އެއްބަސްވެފަ އެވެ.

ހައިބްރިޑް ފޯމެޓަށް ކުރިއަށް ގެންދިޔަ މި ޑައިލޮގްގައި ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ. މީގެތެރޭގައި ރައީސް އޮފީހާއި، ހުރިހާ މިނިސްޓްރީތަކަކާއި، ފުލުހުންނާއި، އޭވިއޭޝަން ކޮމާންޑާއި، ބަންޑާރަ ނައިބު އޮފީހާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ސެކިއުރިޓީ އެޑުވައިޒާސް ހިމެނެ އެވެ. މި ޑައިލޮގްގެ ދިވެހި ވަފްދުގައި އިސްކޮށް ހުންނެވީ ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހާލާ ހަމީދެވެ.