އަދާލަތު ޕާޓީ

ރައީސްއަށް ތާއީދުކުރުމުގެ ކުރިން އަދާލަތުން ބޭނުންވަނީ އެމްޑީޕީއާ މަޝްވަރާކުރަން

Feb 20, 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙު، އަދާލަތު ޕާޓީގެ ތާއީދަށް އެދިވަޑައިގެންފައިވާތީ އެކަމާމެދު އެމްޑީޕީއާއެކު މަޝްވަރާކުރުމަށް އަދާލަތު ޕާޓީން ނިންމައިފި އެެވެ.

އަދާލަތު ޕާޓީން މިގޮތަށް ނިންމާފައި މިވަނީ މިރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމުގެ އަގުލަބިއްޔަތުންނެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިސް މިރޭ އެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެކުގައި ނުކުތުމަށް އެދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ކޯލިޝަނުގެ ބައިވެރިންނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އަދާލަތު ޕާޓީ އަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީ އެކެވެ.

މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަށްފަހު އަދާލަތު ޕާޓީން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ މިހިނގާ ރިޔާސީ ދައުރުގައި ވޭތުވެދިޔަ ދައުރުތަކާ އަޅާބަލާއިރު ސަރުކާރުގައި ކުރެވުނު ތަޖުރިބާ ފަހި ކަމަށެވެ.

އަދާލަތު ޕާޓީ އަކީ އެ ޕާޓީ އުފެއްދި ފަހުން އައި ކޮންމެ ސަރުކާރެއްގައި ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ބައިވެރިވި ޕާޓީ އެކެވެ. އެގޮތުން 2008ގައި ރައީސް ނަޝީދާ އެކު، 2013ގައި ރައީސް އަބްދުﷲ ޔާމީނާ އެކު އަދި 2018 ގައި ރައީސް ސޯލިހާ އެކު ހެދި ކޯލިޝަންގައި ވެސް އަދާލަތު ބައިވެރިވެ އަދިވެސް ތިބީ ކޯލިޝަންގަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންވާނަމަ އެކަމުގައި ގޮތެއް ނިންމެވުމުގެ ބާރު އެމަނިކުފާނަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފާސްކޮށްފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ގިނަ ބަޔަކާ އެކު ބޭއްވި ޖަލްސާއެއްގައި ވަނީ ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފަ އެވެ.