ޝާހް ރުކް ޚާންގެ އަންހެނުން ގޯރީ ޚާން ދާދި ފަހުން ބައިވެރިވި ޑުބާއީ އިވެންޓެއްގެ ތެރޭގައި އޭނާ ނެގި ފޮޓޮއެއް އިންސްޓަގްރާމްގައި ޝެއާ ކުރި އެވެ. އެ ފޮޓޯ އޭނާ ޕޯސްޓްކުރީ ވަރަށް ބޮޑަށް އެޑިޓްކޮށް ރީތިކޮށްފަ އެވެ.
މިހާރު އިންޓަނެޓުގައި ދައުރުވަމުން ދަނީ އޭގެ އެޑިޓް ނުކުރާ ފޮޓޮއަކާއި އެޑިޓް ކޮށްފައި ހުރި ފޮޓޮއެކެވެ. އަދި މި ފޮޓޯގެ ބަހުސް މިހާރު ވަރަށް ހޫނުވެފައި ވެއެވެ.
ގިނަ މީހުންގެ ސުވާލަކީ ސެލެބްރިޓީން އެމީހުންގެ ނެތް ރީތިކަން ދައްކަން މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟
މި ފޮޓޯއަކާ ހެދި ވަރަށް ގިނަ ބަޔަކު ގޯރީ އަށް މަލާމާތް ކޮށްފައި ވެއެވެ. އަދި އޭނާއަށް ތާއީދުކޮށް ކޮމެންޓުކުރާ މީހުން ވެސް އެބަތިއްބެވެ.
"އަހަންނަށް ހެޔޮ އޭނާ ރޫތަކާއި ލައްތައް ފިލުވައި އަމިއްލަ ސިފަ ރީތިކޮށްފައި ފޮޓޯ ލިޔަސް. އެކަމަކު ކީއްކުރަން ހަމުގެ ކުލަ އެ އަލި ކުރަނީ؟ ބޮލީވުޑްގައި އަދިވެސް މި ހަމުގެ ކުލައިގެ ކަންތައް ވަރަށް ބޮޑަށް އޮވޭތާ!" ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.
ގޯރީ އަށް ތާއީދުކޮށް ކޮމެންޓުކުރި ގިނަ މީހުން ބުނީ 'ބިއުޓީ' ފީޗާ އަކީ ސްމާޓް ފޯނުތަކުގައި ހުންނަ އެއްޗަކަށް ވާތީ އެ ފީޗާ ބޭނުން ކުރުމަކީ މިހާރު ވަރަށް އާއްމު ކަމެއް ކަމަށެވެ. އަދި ގޯރީ ނޫނަސް ވަރަށް ގިނަ މީހުން މިހާރު ފޮޓޯ ނަގާއިރު އެ ފީޗާ ބޭނުންކޮށް އެމީހާގެ ސިފަ ރީތިކޮށްފައި ހުންނަ ކަމަށެވެ.
އެހެން މީހަކު ބުނީ އެޑިޓް ނުކުރާ ފޮޓޯގައި ގޯރީ ފެންނަނީ ވަރަށް ރީތިކޮށް ކަމަށާއި އެޑިޓް ކުރި ފޮޓޯގައި ހީވަނީ ރަނގަޅަށް ދޮވެ ސާފުކޮށްފައި ހުރިހެން ކަމަށެވެ.