ދުނިޔެ

ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓް، ވާންގް ޔީ މޮސްކޯއަށް

ޗައިނާ ސެންޓްރަލް ފޮރިން އެފެއާޒް އޮފީހުގެ ޑައިރެކްޓަރު ވާންގް ޔީ މޮސްކޯއަށް ވަޑައިގަންނަވަނީ އެވެ.

ރަޝިއާއާއެކު ގުޅުން ބަދަހި ނުކުރުމަށް ޗައިނާގެ ކިބައިން އެމެރިކާ އެދި -- އިންޒާރުދީފައި ވަނިކޮށް މި ފެންވަރުގެ ޑިޕްލޮމެޓަކު މޮސްކޯއަށް ފޮނުވުމުން، ޗައިނާ އާއި އެމެރިކާގެ ގުޅުން އޮތް ގޮތް ދުނިޔެއަށް ހާމަވެގެން ދާނެ އެވެ.

ވާންގް ޔީގެ މި ދަތުރުގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލު ކުރައްވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ދުނިޔޭގެ މަސްލަހަތުގައި ޗައިނާ މިހާރު ކަޑައްތުކުރަމުންދާ މަރުހަލާތަކުގައި ރަޝިއާގެ އެއްބާރުލުމާއި ހިޔާލާއި ފިކުރަށް ޗައިނާ ބޭނުންވުމެވެ.

އަނެއްކޮޅުން ރަޝިއާ ވެސް އޮތީ -- ހުޅަނގުން އެ ގައުމާ ދެކޮޅަށް އަޅާފައި ހުރި އިގުތިސާދީ ދަތިކުރުންތަކާ ހެދި -- ޗައިނާ ފަދަ އެކުވެރި ގައުމަކަށް ބޭނުންޖެހިފަ އެވެ.

ޗައިނާގެ ޑިޕްލޮމެޓަކު ރަޝިއާއަށް މި ވަޑައިގަންނަވަނީ ޔުކްރޭން ހަނގުރާމާގައި ޗައިނާ ބުރަވާ ކޮޅު -- ނުވަތަ ޗައިނާ ދެކޭ ގޮތް ލަސްތަކެއް ނުވެ ބައިނަލްއަގްވާމީ މުޖުތަމައުއަށް ހާމަކުރާނެ ކަމަށް ބުނެފައި ވަނިކޮށެވެ.

ރަޝިއާއިން ޖަރުމަނަށް ގޭސް ފޮނުވުމަށް އަޅާފައި އޮތް ނޯޑް ސްޓްރީން ގޭސް ހޮޅިތައް ބަޔަކު ގޮއްވާލި ގޮތް ހޯދައި ބެލުމުގައި، ޗައިނާގެ ބުއްދި އާއި ފިކުރު ރަޝިއާއަށް ބޭނުންވެ އެވެ.

ނޯޑް ސްޓްރީމް ގޮއްވާލި މައްސަލަ ދިރާސާކުރުމުގައި ރަޝިއާއަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ޗައިނާ އޮތީ ބުނެފަ އެވެ.

ވާންގް ޔީ ކަހަލަ ނުފޫޒުގަދަ ޑިޕްލޮމެޓަކު ރަޝިއާއަށް ވަޑައިގަތުމަކީ އެމެރިކާ ވެސް ޖެހިލުންވާ ކަމެކެވެ.

ޔުކްރޭނާ ދެކޮޅަށް ރަޝިއާ ކުރާ ހަނގުރާމާގައި -- ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ޗައިނާ ކޮންފާނެ ކަމެއް ކަމަށް އެމެރިކާ ބުނެ އެވެ. އެމެރިކާއަށް މި ބިރުވެރިކަން އުފެދިފައި ވަނީ ޗައިނާ ރުޅިއެރުވުމަށް އެމެރިކާއަށް ވެސް ކަންތައްތަކެއް ކުރެވިފައި ވާތީ އެވެ.

ޓައިވާނަށް އެމެރިކާގެ ސިޔާސީ ލީޑަރުން ދަތުރު ނުކުރުމަށް ޗައިނާ އެދިފައި ވަނިކޮށް، ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވަނީ ޗައިނާއަށް ދަތުރުކޮށްފަ އެވެ.

އެހެންކަމުން އެމެރިކާއަށް ހީވެފައި އޮތީ އެ މީހުންނަށް ވިސްނައި ނުގަނެވޭ ފަދަ ގޮތަކަށް އެމެރިކާގެ ކިބައިން ޗައިނާ ބަދަލުހިފާނެ ކަމަށެވެ.