ބޮއިން ކުންފުނީގެ ދިފާއީ ގޮފީގެ ވެރިޔާ ޓެޑް ކޮލްބާޓް އިޒްރޭލަށް ވަޑައިގެންފި އެވެ.
މި ދަތުރުގެ އަމާޒަކީ ބޮއިން ކުންފުނިން އުފައްދާ އެންމެ ޒަމާނީ އެފް-15ގެ ފައިޓަރު ޖެޓްތައް ތެލްއަވީވްއަށް ވިއްކުމެވެ.
ބޮއިން ކުންފުނިން ބުނި ގޮތުން ޒަމާނީ މަރުކާގެ ބާރުގަދަ ޖެޓްތައް އެންމެ ފުރަތަމަ ބޭނުންކުރެވެން ޖެހޭނީ އިޒްރޭލުގަ އެވެ.
އެމެރިކާގެ މަތިންދާބޯޓު އުފައްދާ ކުންފުނިން މީގެ ކުރިން ބުނެފައިވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އެފް-15 މަރުކާގެ ފައިޓަރު ޖެޓުތަކުން -- މި މަރުކާގައި ހިމެނޭ އެހެން ހުރިހާ ޖެޓަކަށް ވުރެ ގިނައިން ހަތިޔާރު އުފުލޭނެ ކަމަށެވެ.
ބޮއިންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ވިސްނުމަކީ ތެލްއަވީވުން އެދޭ\ނަމަ މިހާރު އިޒްރޭލުގައި ބޭނުންކުރާ ދުވަސްވީ ފައިޓަރު ޖެޓްތައް ބަދަލުކުރުމެވެ. އިޒްރޭލުން އާ މަރުކާގެ ފައިޓަރު ޖެޓްތައް ގަންނަން އެއްބަސްވާނަމަ ބޮއިންގެ އެހީތެރިކަން ލިބޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އިޒްރޭލު ވެސް އޮތީ ޒަމާނީ ފައިޓަރު ޖެޓްތަކަށް ބޭނުންޖެހިފަ އެވެ. އެއީ ސަރަހައްދީ ވާދަވެރިޔާ -- އީރާން ބަލިކުރުމަށެވެ. އަދި ޚާއްސަކޮށް އީރާންގެ ކިބާގައި ހުރި ނިއުކްލިއާ ބާރުވެރިކަން ނައްތާލުމަށެވެ.
އީރާނަށް ރަޝިއާގެ ފައިޓަރު ޖެޓްތައް ފޮރުކޮށްދޭނެ ކަމަށް ބެލެވިފައިވާއިރު، އީރާންގައި އަމިއްލައަށް އުފައްދާފައި ހުރި ފައިޓަރު ޖެޓްތަކާ އެކު އިޒްރޭލަށް ބޮޑު ޕްރެޝަރަކަށް ވާނެ އެވެ.
އަނެއްކޮޅުން އިރާންގެ އަސްކަރީ ޑްރޯންތަކަކީ އިޒްރޭލަށްވެސް އޭގެ ބާރު އަދި މުޅިން ދެނެގަނެވިފައި ނުވާ އުޅަނދުތަކެކެވެ.