ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ތުނބުރި، ހޯކްސްއަށް ދޫކޮށްފި

ގެސްޓް ހައުސް އައިލެންޑުގެ ގޮތުގައި ތަރައްގީކުރަން އުޅުނު ލ. ތުނބުރި، ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ހޯކްސް ކުންފުންޏަށް ކުއްޔަށް ދޫކޮށްފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ނަސްރުﷲ ހަސަން ވިދާޅުވީ ވާދަވެރި ބިޑިންއަކަށް ފަހު ހޯކްސް ކުންފުންޏަށް ތުނބުރި ކުއްޔަށް ދޫކުރީ ނޮވެމްބަރު 21، 2022 ގައެވެ.

އެ ރަށް 21 އަހަރަށް ކުއްޔަށް ދިނީ އަކަފޫޓަކަށް 10 ލާރިއަށް ކަމަށް ނަސްރުﷲ ވިދާޅުވި އެވެ. ތުނބުރިއަކީ 18 ހެކްޓްރުގެ ރަށެކެވެ. މި ރޭޓުން ބަލާނަމަ އެ ރަށުގެ ކުއްޔަކީ މަހަކަށް 12,908.8 ރުފިޔާ އެވެ.

ހޯކްސް އަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެކެވެ.

ތުނބުރީގެ އިތުރުން ފަސް ރަށެއް ދަނޑުވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުކުރީ 2021 ވަނަ އަހަރުގެ ތެރޭގަ އެވެ.