ކްރިމިނަލް ކޯޓް

ފުއްގިރި މައްސަލައިގެ ޝަރީއަތާމެދު ވަކީލުންގެ ކަންބޮޑުވުން

އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިންމާލިއިރު ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުންތައް ޖެހިޖެހިގެން ކުރިއަށް ގެންދަން ނިންމާފައިވާތީ ދިފާއީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުއްގިރި މައްސަލައިގެ ޝަރީއަތް ފަށާ ހެކިބަސް ނެގުމަށް ޖެހިޖެހިގެން ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމަށް ނިންމުމާ ގުޅިގެން ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ވަނީ ކަންބޮޑުވުން ފަޅުކޮށްފަ އެވެ.

ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ދެ ބޭފުޅަކަށާއި ދެ ކުންފުންޏަކަށް ދައުވާކޮށްފައިވެ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަންގެ އިތުރުން މއ. ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޒާގެ މައްޗަށެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އާރަށުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަމުންދާއިރު ކޮންމެ ދުވަހަކު އަޑުއެހުންތައް ބޭއްވުމަކީ ވަކީލުންނަށް ލިބޭ ބޮޑު ތަކުލީފެއް ކަމަށެވެ.

ޖަމީލް ވިދާޅުވީ ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ލިބޭ ގޮތަށް މައްސަލަ ތާވަލުކުރަން އެދޭ ކަމަށާއި އަވަސްކޮށްގެން އަޑުއެހުން ކުރިއަށް ގެންދާއިރު ހައްގުތަކެއް ގެއްލޭނެ ކަމަށެވެ.

ފުއްގިރި މައްސަލައިގެ ދައުވާ ލިބޭ ކްރިކް ރިޒާގެ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ މި މައްސަލައަކީ ލައިވްކުރަން އެދިފައިވާ މައްސަލައަކަށް ވާއިރުވެސް އެމައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމްގެ ސެކްޝަނުގައި ނުނިމި ހުރި މައްސަލަތައް ހުއްޓާ ފުއްގިރި މައްސަލަ އަވަސްކުރަން އުޅޭތީ ކަންބޮޑުވާ ކަމަށެވެ.

ހަމްޒާ ވިދާޅުވީ ފުއްގިރި މައްސަލަ ވަކިން ހާއްސަކޮށް ކުރިއަށް ގެންދާނަމަ އާންމުންގެ މެދުގައި އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭނެ ކަމަށެވެ. އަވަހަށް މައްސަލަތައް ކުރިއަށް ގެންދަން ތާވަލްކުރަން ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އެހެން މައްސަލަތަކެކޭ އެއްފަދައިން އެއް އިންތިޒާމަކުން ފުއްގިރި މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް ހަމްޒާ އެދިވަޑައިގަތެވެ.

ސަން އިންވެސްޓެމްންޓުގެ ވަކީލު އަލީ ޝާހުވެސް ވަނީ އިބްތިދާއީ މަރުހަލާގައި ނިންމި ބައެއް ނިންމުންތައް އިސްތިއުނާފު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ ވަކީލުންގެ އެހެން މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ.

މިކަމާއި ގުޅިގެން ގާޒީ ނަދީމް ވިދާޅުވީ އޭނާގެ ސެކްޝަނުން ހުރިހާ މައްސަލައެއްވެސް ޖެހިޖެހިގެން ކުރިއަށް ގެންދިއުމަށް ތާވަލު ކުރާ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި މައްސަލަތައް މަޑު ޖެހޭކަން ނަދީމު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ފުއްގިރި މައްސަލަވެސް އާރަށު މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިޔަ ގޮތަށް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް މި ކަމަށް ގާޒީ ނަދީމު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ސަން ކުންފުންޏާއި ކްރިކް ރިޒާގެ ފަރާތުން ވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށްވެސް އެދިފަ އެވެ. ނަމަވެސް ހެކި ރައްކާތެރިކުރަންވީ އަދި ދައުލަތަށް ސިއްރުކުރަންވީ ސަބަބެއް ކިޔައިނުދެވޭ ކަމަށް ގާޒީ ނަދީމު ވަނީ ނިންމަވާފަ އެވެ.

ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ގާޒީ ނަދީމު ނިންމާފައިވަނީ އަންނަ މަހުގެ ތެރޭގަ އެވެ. އެގޮތުން އަންނަ މަހުގެ ނުވަވަނަ ދުވަހު ސަން ކުންފުނީގެ އަޑުއެހުންތައް ބޭއްވުމަށާއި، މާޗް 12 ވަނަ ދުވަހު ކްރިކް ރިޒާގެ އަޑުއެހުންތައް ބޭއްވުމަށާއި 13 ވަނަ ދުވަހު ރައީސް ޔާމީންގެ އަޑުއެހުންތައް ބޭއްވުމަށް ވަނީ ނިންމަވާފަ އެވެ. މިއީ ދިފާއުގެ ފަރާތުން އިބްތިދާއީ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުންތަކެކެވެ.

މީގެ އިތުރުން އަންނަ މަހުގެ 16، 20، 22، 26، 27، 28، 29 އަދި 30 ގައި ހެކިބަސް ނެގުމަށް އަޑުއެހުންތަކެއް ބޭއްވުމަށްވެސް ގާޒީ ނަދީމު ވަނީ ތާވަލްކޮށްފަ އެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރި މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.