ފިނިޕޭޖް

ލޯ އަނދިރިވަމުންދާތީ އެކްޓްކުރަން އުދަނގޫ: ޖޫޑީ ޑެންޗް

އޭނާގެ ލޯ އަނދިރިވަމުންދާތީ އެކްޓްކުރަން އުނދަގޫ ވަމުންދާ ކަމަށް އޮސްކާ އަދި ގިނަ އެވޯޑްތަކެއް ހޯދާފައިވާ ހުނަރުވެރި އިނގިރޭސި އެކްޓްރެސް ޑޭމް ޖޫޑީ ޑެންޗް ބުނެފި އެވެ.

އުމުރުން 88 އަހަރުގެ ޖޫޑީ ބުނީ އޭނާގެ ލޯ އަނދިރިވަމުންދާތީ، ސްކްރިޕްޓް ކިޔައިގެން ޑައިލޮގް ދަސްކުރަން އުދަނގޫ ކަމަށެވެ.

ޖޫޑީގެ ފޮޓޮގްރެފިކް މެމަރީ ހުރިނަމަވެސް، މޭކިއުލާ ޑީޖެނެރޭޝަންއާ ހެދި ލައިންތައް ދަސްކުރަން އުނދަގޫވާ ކަމަށާއި އޭނާއަށް ބައެއް ބަސްތައް ދަސްކޮށްދޭ ފަދަ މެޝިނެއް އެބަ ހޯދަންޖެހޭ ކަމަށްވެސް ބުންޏެވެ.

ލޮލުގެ ފެނުން ދަށްވަމުންދާތީ ސްކްރިޕްޓްތައް ހިތުދަސްކުރާ ކަމަށް ޖޫޑީ މީގެ ކުރިންވެސް ބުނެފައިވެ އެވެ.

ޖޫޑީ އިތުރަށް ބުނީ ދިމާވާ ދަތިތަކާ ކުރިމަތިލާ، އެކަމުން އަރައިގަތުމަށް ގޮތްތައް ހޯދާނެ ކަމަށާއި އެގޮތުން ބަސްތައް ހިތުދަސްކުރުމަށްޓަކައި އޭނާގެ ގާތް ރަހްމަތްތެރިން ލައްވާ ތަކުރާރުކޮށް ކިޔައިގެން ދަސްކުރާނެ ކަމަށެވެ. އޭރުން މައްސަލައެއް އުޅޭކަމަށް މީހުންނަށް މާބޮޑަށް ފާހަގަނުކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ބުންޏެވެ.

މިދުވަސްވަރު ޖޫޑީ ދަނީ އޭނާގެ ފިލްމް "އަލެލޫޔާ" ޕްރޮމޯޓް ކުރަމުންނެވެ. މި ފިލްމްގައި ޖެނިފާ ސޯންޑާސް، ރަސަލް ޓޯވީ، ޑޭވިޑް ބްރެޑްލީ އަދި ޑެރެކް ޖޭކަބީވެސް ހިމެނެ އެވެ.

މި ފިލްމަކީ މިދިޔަ އަހަރުގެ ޓޮރޮންޓޯ ފިލްމް ފެސްޓިވަލްގައި ރިލީޒްކޮށް، އާންމު ތިއެޓަރުތަކަށް އަންނަ މަހުގެ 17 ވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ ފިލްމެކެވެ.