ލައިފްސްޓައިލް

މާކަނާ އަކާއި އިންސާނެއްގެ އާދަޔާޚިލާފު ވަރުގަދަ ގުޅުން

އިންސާނުންނާއި އެކި ވައްތަރުގެ ޖަނަވާރާއި ދޫނި ސޫފިސޫފާ އޮންނަ ޚާއްސަ ގުޅުންތަކުގެ ވާހަކަ އިވިފައި ހުންނާނެ އެވެ. މިއީ ވެސް އެފަދަ ވާހަކަ އެކެވެ.

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި ދިރިއުޅޭ 30 އަހަރުގެ މުހައްމަދު އާރިފްގެ އެންމެ ގާތް އެކުވެރިއަކީ ބޮޑު މާކަނައެކެވެ. އާރިފް ދެކެ މާކަނާ ވަނީ ވަރަށް ޚާއްސަ ލޯތްބެކެވެ.

މި ދޫންޏާއި އާރިފްގެ ގުޅުމަށް މިހާރު އަހަރެއްހާ ދުވަސް ވެފައިވާއިރު އެސޮރު ނުލާ އެންމެ ފިޔަވަޅެއް ވެސް އާރިފަކަށް މިހާރު ނޭޅެ އެވެ. ކޮންމެ ތަނަކަށް ދިޔަޔަސް އެ ސޮރު ގެންދަން ޖެހެ އެވެ.

އާރިފް އަކީ ޔޫޕީގެ އަމޭތީ ޑިސްޓްރިކްޓްގައި އޮންނަ މަންޑްކާ އަވަށުގައި އޭނާގެ އަންހެނުންނާއި ދެ ދަރިންނާއެކު ދިރިއުޅޭ މީހެކެވެ. އާރިފްގެ އާއިލާގެ އެންމެން ވެސް މި މާކަނާ ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ.

އާރިފް އަށް މާކަނާ ފުރަތަމަ ފެނުނީ 2022ގެ އޮގަސްޓް މަހު އެވެ. އާރިފަށް ފެނުނުއިރު މާކަނާ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެގެން މަރާ ހަނގުރާމަ ކޮށްކޮށެވެ.

އާރިފް މާކަނާ ނަގައިގެން ގެޔަށް ގެނެސް އެސޮރަށް ފަރުވާކޮށް ކާން ބޯންދީގެން ބެލެހެއްޓި އެވެ. އެސޮރު މުޅިން ފަސޭހަވުމުން އާރިފް ދޫކޮށްލާފައި ނުގޮސް ހުރީ އޭނާގެ އިހްސާންތެރިކަން އެސޮރަށް ވެސް ކޮންމެވެސް ގޮތަކުން ވިސްނިގެންކަމަށް ބެލެވެ އެވެ.

އެހެންވެ އޭރުއްސުރެ މިއަދާ ޖެހެންދެން ވެސް އާރިފްގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި މާކަނާ ދިރިއުޅެމުންދަނީ އާރިފްގެ ގޭގައި އޭނާގެ އާއިލާ އާއެކުގަ އެވެ.

އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އާރިފް ބުނީ އޭނާއަށް ފުރަތަމަ މާކަނާ ފެނުނީ ދަނޑެއްގެ ތެރެއަށް ވެއްޓިފައި އޮއްވަ އެވެ. އޭރު އެސޮރުގެ ފައި އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.

"އަހަރެން އެސޮރުގެ ފައިގައި ބޭސް އަޅައިދީގެން ފައި ރަނގަޅުވީ. އަދި ކާން ބޯން ދީގެން ގޭގެ ހާމަ ތަނެއްގައި އެސޮރު ބާއްވައިގެން ބެލެހެއްޓިން. އެ ސޮރު ބޭނުން އިރަކު އުދުހިފައި ދިއުމަށް ފުރުސަތު ދީފައި ވިޔަސް އެސޮރު ފައި ފަސޭހަވެގެން ވެސް ދާކަށް ބޭނުމެއް ނުވި. އެސޮރު މިހާރު ދިރިއުޅެނީ އަހަރެންގެ އާއިލާ އާއެކު އަހަރެމެންގެ ގޭގައި. އަހަރެން ދާހާ ތާކަށް ފަހަތުން ދާނެ،" އާރިފް ބުންޏެވެ.

އާރިފް ބުނި ގޮތުގައި އޭނާގެ ގޭގައި ދޫންޏަށް މަނާ އެއްވެސް ކަމެއް ނޯންނާނެ އެވެ. އެސޮރު ބޭނުންގޮތަކަށް އުޅުމުގެ ފުރުސަތު އޮންނަނީ ދީފަ އެވެ.

"އެސޮރު ކޮންމެ ދުވަހަކުވެސް ދާނެ އުދުހިފައި ގޮސް އެ އުޅޭ ތަނެއްގައި އުޅެފައި އަންނާނެ އަނބުރާ،" އާރިފް ބުންޏެވެ.