ދުނިޔެ

އެންމެން އަވަދިނެތި ހަނގުރާމައަށް ތައްޔާރުވަނީ: ވޫޗިޗް

ސާބިއާގައި އުފައްދާ އަސްކަރީ ދަރަޖައިގެ ހަތިޔާރަށް ދުނިޔެ ބޭނުންޖެހިފައި އޮތް ވަރުން އަމިއްލަ ބޭނުމަށް މަދު މިންވަރެއް ވެސް ރައްކާކުރަން ދަތި ކަމަށް އެ ގައުމުގެ ރައީސް އެލެގްޒެންދަރު ވޫޗިޗް ވިދާޅުވެއްޖެ އެވެ.

ވޫޗިޗް ވިދާޅުވި ގޮތުގައި އެ ގައުމުގައި އުފައްދާހާ އެއްޗެއް ވަނީ ވިކި ހުސްވެފަ އެވެ. އެކަމަކު އެތަކެތި ބޭނުންކުރަނީ ކޮންކޮން ތަނެއްގައިކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވޫޗިޗް ވިދާޅުވީ ސާބިއާގައި އުފައްދާ ހަތިޔާރު ޔުކްރޭންގައި ބޭނުންކުރާކަމުގެ ޚަބަރު އަދި ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

"ހަތިޔާރުތައް ވިކެމުންދަނީ ފަތުއަޑުކިޔާފައި،" ވޫޗިޗް ވިދާޅުވި އެވެ. "މި އުޅެނީ ގައުމު ދިފާއުގައި ވެސް ބަހައްޓާނެ މިންވަރެއް ކަނޑަނޭޅިގެން،" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވޫޗިޗް ވިދާޅުވި ގޮތުގައި ހަތިޔާރު ވިކޭލެއް ބާރުކަމުން ހީފުޅުވަނީ މުޅި ދުނިޔެ ހަނގުރާމައެއްގައި މަސްއޫލްވެފައި އޮތްހެންނެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އޮތް އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަންގައި ބައިވެރިވެ ވަޑައިގެން ވޫޗިޗް ވަނީ އެ ގައުމުގައި އުފައްދާ ހަތިޔާރާ މެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ސާބިއާއިން މި މައުރަޒަށް ހުށަހެޅި އަސްކަރީ އައިޓަމްތަކުގެ ތެރޭގައި ރޮކެޓް ލޯންޗަރާއި އަސްކަރީ އުޅަނދުތައް އަދި ބެލިސްޓިކް މިސައިލުން ރައްކާތެރިކޮށްދޭ އާލާތްތައް ހިމެނެ އެވެ.

ސާބިއާ އަކީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމެކެވެ. އެކަމަކު ނޭޓޯ މެމްބަރެއް ނޫނެވެ. ޔުކްރޭން ހަނގުރާމާގައި ރަޝިއާއަށް ދަތިކުރަން ސާބިއާ އެއްބަހެއް ނުވެ އެވެ. އަދި ހުޅަނގާ ގުޅިގެން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ވެސް ސާބިއާގެ ވިސްނުމެއް ނޫނެވެ.

ސާބިއާ އަކީ ވަރަށް ގިނައިން ހަތިޔާރު އެކްސްޕޯޓްކުރާ ގައުމެކެވެ. ޔޫރަޕްގެ ސަރަހައްދެއް ކަމަށްވާ ބަލްކަންގައި ސާބިއާއަށް ވުރެ ގިނައިން ހަތިޔާރު އެކްސްޕޯޓްކުރާ ގައުމެއް ނެތެވެ.

ރައީސް ވޫޗިޗް ދެކެވަޑައިގަންނަވާ ގޮތުގައި ސާބިއާގައި އުފައްދާ ހަތިޔާރު -- އެެހެން ގަތުމަށް ފަހު ޔުކްރޭނަށް ސަޕްލައިކުރުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް، ސާބިއާ އޮތީ ސީދާ ގޮތުގައި ޔުކްރޭނަށް ހަތިޔާރު ފޮނުވާ ގޮތަކަށް ނޫނެވެ.

އޯޑަރު ގިނަވެ ހަތިޔާރު އުފެއްދުން އިތުރުވެފައި ވާތީ ގައުމީ ބޭނުންތަކަށް ވަކި އަދަދެއް ކަނޑައެޅުއްވުމާ މެދު ވިސްނާ ވަޑައިގަންނަވާ ކަމަށް ވެސް ވޫޗިޗް ވިދާޅުވި އެވެ.