އީވާ އަބްދުﷲ

ދަރަނީގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ގެނައީ ވަގުތީ ހައްލެއް: އީވާ

ދަރަނީގެ މައްސަލަ ހައްލު ކުރުމަށް މިހާރުގެ ސަރުކާރުން ގެނައީ ވަގުތީ ހައްލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވަނީ ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި ގަރާރެއް ހުށަހަޅާފަ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ލޯނުތަކާއި ދަރަނިތައް ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ލަފާ އަރުވަން މަޖިލީހުން ފާސްކޮށްފައިވާނެ ކަމަށެވެ. އަދި އޭރު ފާސްކުރި ރިޕޯޓުގައި ރައްޔިތުންގެ މަޖިލީހަށް ފުރިހަމައަށް ތަފްސީލް ދިނުމަށް އޮންނާނެ ކަމަށްވެސް އީވާ ވިދާޅުވި އެވެ.

"އެހެންނަމަވެސް ދެ އަހަރާއި ބައި ހިނގާ ދިޔައިރުވެސް، ރައްޔިތުންގެ މަޖިލީހަށް މި މަސައްކަތުގެ ހިލަމެއްވެސް ހަބަރެއްވެސް ނުވާތީ އަޅުގަނޑު އަލުން އަނބުރާ އެ ރިޕޯޓް ތަންފީޒު ކުރުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރެއް މީ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މަޖިލީހުން ފާސް ކުރުމާއެކު ސަރުކާރުގެ ވުޒާރާއެއް ވިޔަސް ނުވަތަ އެހެން ވުޒާރާއެއް ވިޔަސް އެ ލަފައެއް ނުވަތަ ރިޕޯޓެއް ނުވަތަ އެ ގާނޫނެއް ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ދަރަނި ރީސްޓްރަކްޗާ ކުރުމަށް މަޖިލީހުން ލަފާ ދީފައިވާ ރިޕޯޓް ސަރުކާރުން ތަންފީޒު ނުކުރާކަން އީވާ ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ދަރަނީގެ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް ހުރީ 67 ބިލިއަން ރުފިޔާ ކަމަށާއި މި ސަރުކާރުގެ ފަސް އަހަރު ތެރޭ އެ އަދަދު 113 ބިލިއަނަށް އިތުރުވެފައިވާ ކަމަށް އީވާ ވިދާޅުވި އެވެ. އަދި އެއީ ފަސް އަހަރު ތެރޭ 40 ބިލިއަން ރުފިޔާގެ ދަރަނިކަން އީވާ ފާހަގަކުރެއްވި އެވެ.

ދަރަނި ރީސްޓްރަކްޗާ ކުރުމަށް ލަފާދޭ ސަބަބަކީ ދަރަނި އަނބުރާ ދެއްކުން ފަސް ކުރާ ހިތަކުން ނޫން ކަމަށާއި އެކަން ކުރާ ސަބަބަކީ އެއީ ފައިދާ ވާނެ ގޮތެއް ކަމަށް ފެންނާތީ ކަމަށް އީވާ ވިދާޅުވި އެވެ.

"ދައުލަތުގެ މާލިއްޔަތަށާއި އަދި ރައްޔިތުންގެ ޖީބަށްވެސް ފައިދާވާނެ ގޮތަކަށް ލުއިވާނެ ގޮތަކަށް ޖާގަ ހޯދުމަށްޓަކައި،" އީވާ ވިދާޅުވި އެވެ.

ސަރުކާރުން ނަގާ ގިނަ ލޯނުތަކަކީ ސީދާ ސަރުކާރުގެ ހަރަދަށް ނަގާފައިވާ ލޯނުތަކެއްކަން ފާހަގަކުރައްވަމުން އީވާ ވިދާޅުވީ އެ ދަރަނި އަނބުރާ ދައްކަން ޖެހެނީ ދިވެހި ރައްޔިތުން ކަމަށެވެ.

އީވާ ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އަންނަން ވެގެން މެނިފެސްޓޯގައި ލޯނު ރީސްޓްރަކްޗާ ކުރަން ހިމަނާފައި ވާނެ ކަމަށާއި ރިޔާސީ ކެމްޕޭނުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވާހަކަ ދެއްކެވި ކަމަށެވެ.

ކެމްޕޭނުގައި އެވާހަކަތައް ދެއްކެވި ނަމަވެސް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުން އަމަލުކުރަނީ އެގޮތަކަށް ނޫން ކަމަށް އީވާ ވިދާޅުވި އެވެ.

"ވެރިކަމާއި ހަވާލުވުމަށް ފަހު މިއަދުގެ ސަރުކާރުން ވަރަށް ވަގުތީ ހައްލެއް މި ހޯދީ. އެއީ ލޯނު އަނބުރާ ދައްކަން ވެގެން ލޯނު ނެގީ. ދަރަނި މައްޗަށް ދަރަނި،" އީވާ ވިދާޅުވި އެވެ.

މިގޮތަށް ނަގާ ލޯނުތަކަކީ ކުރު މުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭ ލޯނުތަކެއް ކަމަށާއި މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ވަރަށް މަތިކަން އީވާ ފާހަގަ ކުރެއްވި އެވެ.