ދިރާގު

އައިޖީއެމްއެޗް ތެރޭގައި ކުޑަކުދިން ކުޅޭ ސަރަހައްދެއް ދިރާގުން ހަދައިފި

ދިރާގުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ކުޑަކުދިންނަށް ހާއްސަ އިންޑޯ ޕްލޭ އޭރިޔާއެއް ގާއިމުކޮށް ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ގާއިމުކުރެވުނު ޕްލޭ އޭރިޔާއެކެވެ.

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލްގެ އޯޕީޑީއަށް ވަންނަ ގޭޓް ސަރަހައްދުގައި ގާއިމުކުރި މި ޕްލޭ އޭރިޔާ ، މިއަދު އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި ހުޅުވައިދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދާއި އައިޖީއެމްއެޗްގެ ސީއީއޯ ބްރެގޭޑިއާ ޖެނަރަލް ފަރުހަތު ޝަހީރެވެ.

ކުޑަކުދިންނަށް އަޅާލާ އެކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން މަސައްކަތްކުރާ ދާއިރާއަކަށް ވާއިރު، މިއަދު ގާއިމް ކުރެވިގެންދިޔަ ޕްލޭ އޭރިއާ އަކީ ވެސް، އެފަދަ ވިސްނުމުގެ ތެރެއިން، ކުޑަކުދިންނަށް ހާއްސަ ކުރުމުގެ ގޮތުން ހުޅުވިގެން ދިޔަ ޕްލޭ އޭރިއާ އެއް ކަމަށް ދިރާގުން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ފަރުހަތު ވިދާޅުވީ، އައިޖީއެމްއެޗަށް ޒިޔާރަތްކުރާ މީހުންގެ ބޮޑު އިންސައްތައަކީ ކުޑަކުދިން ކަމަށްވާއިރު އެ ކުދިން ކުޅިލާނެ ތަނެއް ހޮސްޕިޓަލްގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި ބަލީމީހުން އުޅޭ ހިސާބަށް ކުޑަކުދިން ދިއުމަކީ އެހާ އެދޭ ކަމެއް ނޫން ކަމަށް ވެސް ފަރުހަތު ފާހަގަކުރެއްވި އެވެ. ފަރުހަތު ވިދާޅުވީ، މި އަހަރުގެ ނިޔަލަށް އައިޖީއެމްއެޗްގެ މާހައުލު ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށާއި ހިތްފަސޭހަ ތަނެއްގެ ގޮތުގައި އައިޖީއެމްއެޗް ވެގެންދާނެ ކަމަށެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ވިދާޅުވީ، ކުޑަކުދިންގެ ދުޅަހެޔޮ ކަމަށް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުންދޭ ކަމަށާއި މި ޕްލޭ އޭރިޔާގެ ސަބަބުން ހޮސްޕިޓަލަށް ޒިޔާރަތްކުރާ ކުޑަކުދިންނަށް ހިންހަމަ ޖެހުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މި ޕްލޭ އޭރިއާ އާއި ބެހޭގޮތުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވީ ހޮސްޕިޓަލަށް ބަލި މީހުންނަށް ގޮވާލަން ޒިޔާރަތްކުރާއިރު ބެލެނިވެރިންނާއެކު ގިނަ އަދަދެއްގެ ކުޑަކުދިންވެސް ގޮސް އެތަނުގައި ވަގުތު ހޭދަ ކުރަމުންދާއިރު ބަލި މީހުންނާއި އެންމެ ގާތް ނުވެ އެކުދިންނަށް ތިބެވޭނެ ހާއްސަ ސަރަހައްދެއް ގާއިމް ކުރުމަކީ މި ޕްލޭ އޭރިއާ ގާއިމް ކުރުމުގެ އެންމެ ބޮޑު އެއް މަގްސަދު ކަމަށެވެ.

އަދި މި ޕްލޭ އޭރިއާއަކީ މިވަގުތު އެ ހޮސްޕިޓަލަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަކަށް ވާއިރު، ދިރާގަށް މިކަން ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ދިރާގުން އައިޖީއެމްއެޗްގެ މެނޭޖްމެންޓަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރާކަމަށްވެސް އިމްޖާދު ވިދާޅުވި އެވެ.

މިއަދު މި ހުޅުވިގެންދިޔަ ޕްލޭ އޭރިއާގެ އިތުރުން ދިރާގުން މިހާރުވެސް ދަނީ ކުޑަކުދިންނަށްޓަކައި މުހިންމު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުޑަކުދިންގެ ހިޔާއަށް 2008 ވަނަ އަހަރުން ފެށިގެން ޕޭރަންޓަލް ކޮންޓްރޯލާއިއެކު ހިލޭ އިންޓަނެޓް ފޯރުކޮށްދިނުމާއިއެކު އެތަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުންވެސް ދިރާގުން ދަނީ ސްޕޮންސަރ ކުރައްވަމުންނެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ދެ ކޮމްޕިއުޓަރު ލެބާއި ލައިބްރަރީ ސެޓަޕެއް ގާއިމްކޮށްފަ އެވެ. އެއާއިއެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސ ހިތަދޫ އަލް-ނޫރު ސެންޓަރުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 100،000ރ ގެ ތަކެތި ހަދިޔާ ކޮށްފަ އެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ކުރީކޮޅު ދިރާގުންވަނީ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެން އޮންލައިން ޗައިލްޑް ސޭފްޓީ ޕްރޮގްރާމެއް ހިންގާފަ އެވެ. އަދި ހަމަ މި އަހަރު އޯޓިޒަމް އެސޯސިއޭޝަނުގައި އިންޑޯ ޕްލޭ އޭރިއާއެއް ގާއިމްކޮށް، ކެއަރ ސޮސައިޓީއަށް ބޭނުންވާ ތަފާތު ތަކެތި ހަދިޔާ ކޮށްފައިވެ އެވެ.

ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ ދިރާގު ސްޕެޝަލް ސްޕޯރތސް ފެސްޓިވަލަކީވެސް، ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކުރެވިގެން ބޭއްވޭ އެފަދަ އެންމެ ބޮޑު ހަރަކާތެވެ.