އިލްޔާސް ލަބީބް

"ޔާމީނަށް ވުރެ ރައީސް ސޯލިހް ނެގި ލޯނުގެ އިންޓަރެސްޓް ބޮޑު"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ލޯނުގެ އިންޓަރެސްޓަށް ވުރެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނަގަމުންދާ ލޯނުތަކުގެ އިންޓަރެސްޓް ރޭ މަތި ކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ސަނީ ސައިޑް ބޮންޑު ނެގީ ހަތް ޕަސެންޓް އިންޓަރެސްޓްގައި ކަމަށާއި ނަމަވެސް މިވެރިކަމުގައި ސްކޫކް ނެގީ 10 ޕަސެންޓްގައި ކަމަށް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ރައީސް ޔާމީން 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑެއް ހަތް ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ބޭރުން ނެގުމުން އެމްޑީޕީން މުޅި މާލެއާއި ރާއްޖޭގައި މުޒާހަރާ ކުރި ކަމަށެވެ.

ވެރިކަމަށް އަންނަން ވެގެން އެމްޑީޕީން ހުށަހެޅި މެނިފެސްޓޯގައި ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭނެ ކަމަށް ޖެހީ އެކަން ހުއްޓުވަން ކަމުގައިވެސް އިލްޔާސް ވިދާޅުވި އެވެ. ނަމަވެސް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން 2021 ވަނަ އަހަރު 200 މިލިއަން ޑޮލަރު ނެގީ 10 ޕަސެންޓް އިންޓަރެސްޓް ރޭޓުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ބޮޑު އިންޓަރެސްޓުގައި ލޯނު ލިބެނީ ރާއްޖޭގެ އާމްދަނީއަށް ވުރެ ދަރަނި ބޮޑުވުމުން ފިޗް ރޭޓިން އާއި އެހެންވެސް ރޭޓިންތައް ދައްވުމުން ކަމަށް ވިދާޅުވި އެވެ.

"ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށްދާ ދިއުން މިއީ ކަންބޮޑުވުމެއް. މި ދައުލަތަށް 2023 ގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތީ 29 ބިލިއަން ރުފިޔާ. އަޅުގަނޑުމެންގެ ދަރަނި 113 ބިލިއަން ރުފިޔާގައި،" މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރަނީގެ މައްސަލައާއި ލޯނުތަކުގެ އިންޓަރެސްޓް ރޭޓްގެ މައްސަލަ އަކީ ރުފިޔާ ޗާޕްކޮށްގެން ހައްލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި ރުފިޔާ ޗާޕް ކުރުމުން ތަކެތީގެ އަގު ބޮޑުވަމުންދާ ކަމަށެވެ.

"ކިރު ދަޅުން ބޮޑުވިވަރު އެ މީހުންނަށް (ރައްޔިތުންނަށް) އެނގޭ. ޔައުގޫބު ދާއިރާގެ ދާންދޫ ރައްޔިތުން ކަންބޮޑުވޭ،" އިލްޔާސް ވިދާޅުވި އެވެ.

ތަކެތީގެ އަގު މަތިވާ ވާހަކަ އިލްޔާސް ދެއްކެވުމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ.

އިލްޔާސްގެ ވާހަކަ ނުނިމެނީސް ޔައުގޫބް އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޔައުގޫބްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރު ކުރައްވާފަ އެވެ.