ލައިފްސްޓައިލް

މޮހޮޖުގެ ހަޔާތުން ޒީރޯ ޑިގްރީ އާއި ނާޝިދުގެ ހަނދާންތައް

"ސްކޫލްގައި އެކުގައި އުޅުނު ކުދިން ފަހުން ދިމާވެގެން އަބަދުވެސް ވެސް އަހާނެ އަދިވެސް މިއުޒިކް ކުޅެނީހޭ. އެމީހުން ބުނާނެ ޖޮބަކަށް ދާންވީ ނޫން ހެއްޔޭ ދެން. އަޅުގަނޑު އަބަދުވެސް ބުނަނީ ޖޮބްގައޭ މި އުޅެނީ. ކުރަން ބޭނުންވާ ކަންތައްކުރުމުގައޭ މި އުޅެނީ،" ހިނިގަނޑެއްގެ ތެރެއިން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"ރިސޯޓް މިއުޒިކްގައި އޮންނާނީ މަސައްކަތްކުރުމާއި ކެރުމާއި ޑިސިޕްލިން. އެއީ އޮފީސް އާމްދަނީއެއްގެ ޑަބަލް ޓްރިޕްލް ޖެއްސޭނެ ވަޒީފާއެއް. ރިސޯޓް މިއުޒިކަކީ ވެލް ޕެއިޑް ޖޮބެއް. އެކަމަކު މިދިޔަ އަހަރުން ފެށިގެން އަޅުގަނޑު މިހާރު ރިސޯޓް މިއުޒިކް ކުޅުން ހުއްޓާލައިފިން."

މިއީ ދިވެހި މިއުޒިކްގެ އަޑު ތާއަބަދަށް ބަދަލުކޮށްލި ޒީރޯ ޑިގްރީ އެޓޯލްގެ އެންމެ މުހިންމު އެއް މެމްބަރު މޮހޮޖުގެ ވާހަކަ އެވެ. އޭނާ އަކީ ޒީރޯ ޑިގްރީގެ ލެޖެންޑަރީ އަނެއް ދެ މެމްބަރުން ކަމުގައިވާ ފްލޫ ނާޝިދު އާއި އަހުމަދު ޖޯންސްއާ އެކު ދިވެހި މިއުޒިކަށް "ދޯނި" އޭ ކިޔުނު އިންގިލާބެއް ގެނައުމުގެ ކުރިން ރާއްޖޭގެ ރިސޯޓް މިއުޒިކްގެ މަލަމަތިން ފެންނަންހުރި ހަމައެކަނި ސޯލޯ އާޓިސްޓެވެ.

"ސްކޫލް ނިންމާލި ގޮތަށް ވަޒީފާއަށް ވަނީ ސަރުކާރަށް. ސަރުކާރު ބޮންޑް އޮތީމަ އެންމެ ފުރަތަމަ މަސައްކަތްކުރީ އެއާޕޯޓްގައި. ދެން ލިބޭ ހުސް ދުވަސްތަކުގައި ރިސޯޓް މިއުޒިކް ކުޅުނީ އޭރު."

މޮހޮޖު އުޅުނީ އެއާޕޯޓްގައި އެއާ ޓްރެފިކް ކޮންޓްރޯލާއެއްގެ ވަޒީފާގަ އެވެ. އެ ވަޒީފާގައި އޭނާ ތިން އަހަރު އުޅުނެވެ.

"ސްކޫލް ނިންމާލާފައި އެ ވަޒީފާ އަށް ދިޔައީ މަޖުބޫރުވެގެން. އެހެން ނޫން ނަމަ ޖަލަށޭ ދާން ޖެހޭނީ ބުނީ. އެހެންވީމަ ދިޔައީ އެއާޕޯޓްގެ ވަޒީފާ އަށް. އެއްގޮތަކަށް ވެސް ބޭނުންވެގެންނެއް ނޫން،" މޮހޮޖު ކިޔައިދިނެވެ.

"އެ އަށް ފަހު މިއުޒިކް ކުޅުން ނޫން އެހެން މަސައްކަތެއް ދުވަހަކު ވެސް ނުކުރަން. އެހެން ޖޮބަކަށް ނުދަން. މިއުޒިކް ކުޅުން އެއީ ނުލާހިކު ރަނގަޅު ވަޒީފާއެއްވީމަ. ދެން ކީއްކުރަން އެހެން ވަޒީފާއަކަށް ދާންވީ ވެސް؟."

މޮހޮޖުގެ ވާހަކަ ފެށި އޭނާ ލެޖެންޑަކަށް ބަދަލުކޮށްލި ހިސާބަކީ އެއީ އެވެ.

ޒީރޯ ޑިގްރީގެ ކުރިން، ފެށީ ސުމަކުން

"އެހެން މީހުން މިއުޒިކް ކުޅޭތަން ބަލައިގެން މިއުޒިކް އަދި ގިޓާ ކުޅެން ދަސްކުރީ. ކަން ދިމާކުރި ގޮތުން ވަރަށް ކުޑައިރުގައި ގެއަށް ގިޓައެއް ލިބިއްޖެ. އިލެކްޓްރިކް ގިޓައެއް. އޭރު ދެން އަޅުގަނޑުގެ ބޭބެމެން ވެސް ގިޓާ ކުޅޭނީ ބޭރުން ދިމާވާ އެހެން މީހުން ގާތު ކިޔައިގެން ދަސްކޮށްގެން އަންނަ އެއްޗެއް،" މާކުރީގެ ހަނދާނަކުން މިއުޒިކްގެ ސަފުހާތަކެއް އުކަމުން މޮހޮޖު ކިޔައިދޭން ފެށި އެވެ.

"ވަކި ހިސާބަކަށް ދިޔައީމަ ދެން އަމިއްލަ އަށް ނަގައިގަނެވި ކުޅެލަން އެނގިއްޖެ. ކޯޑްތަކާ އެއްޗެހި ފެމިލިއާވީމަ ލަވައެއް އަޑުއިވިލާއިރަށް އެ ލަވައެއް ކުޅެލަން އެނގޭވަރުވެއްޖެ."

އޭރު މޮހޮޖު އާއި ނާޝިދު ވެސް ބައްދަލުވެ އެކުވެރިިންނަށް ވެސް ބަދަލުވެއްޖެ އެވެ. ދެ މީހުން އެއްތަންކޮށް އެކުވެރިންނަށް ހެދީ ވެސް މިއުޒިކެވެ. އެކަމަކު މޮހޮޖު ބުނީ އޭރު މަޖީދިއްޔާ ސްކޫލްގެ ބޭންޑަށް ގޮސްގެން ދަސްވި ވަކި އެއްޗެއް ނެތް ކަމަށެވެ.

"ދެ މީހުން ރައްޓެހިންނަށް ބަދަލުވީ މަޖީދިއްޔާގެ ސްކޫލްގެ މާޗިން ބޭންޑްގައި. ގްރޭޑް އަށެއް ހިސާބުގައި. ޕޮޕް ބޭންޑުން ދެ މީހުން ބައްދަލުވަނީ ފުރަތަމަ. އޭރު ވެސް ނާޝިދު ގިޓާ ކުޅޭނެ، އަޅުގަނޑު ވެސް ގިޓާކުޅެން،" ނާޝިދުއާ ބައްދަލުވެ އެކުވެރިޔަކަށް ބަދަލުވި ގޮތް ކިޔައިދެމުން މޮހޮޖު ބުންޏެވެ.

އޭނާ ބުނީ ޒީރޯ ޑިގްރީ އުފެދުމުގެ ކުރިން ބޭންޑްގެ މެމްބަރުންނަކީ އޭރުގެ މަޝްހޫރު ދިވެހި ބޭންޑްތަކުގެ ޝޯތަކަށް ގަވާއިދުން ގޮސް އެމީހުންގެ ހުނަރުވެރިކަމަށް ގެއްލިފައި ތިބި ބައެއް ކަމަށެވެ. މިއުޒިކަކީ ކޮބައިކަން ޒީރޯ ޑިގްރީގެ މެމްބަރުންނަށް ދަސްވީ އެގޮތަށް ކުރެވުނު ތަޖުރިބާތަކެއްގެ މަތިން ކަމަށް ވެސް މޮހޮޖު ބުންޏެވެ.

"މިއުޒިކް ބޮޑަށް ދަސްވީ ތަޖުރިބާކާރު މިއުޒީޝަނުންނާއި ދުވަސްވީ މީހުން މިއުޒިކް ކުޅޭތަން ބަލަން ގޮސްގެނާއި ފެނިގެން. އެކަމަކު އޭރު ދޮށްޓަށް ތިބި މީހުންނަށް ވެސް މާ ބޮޑަށް އެނގެނީކީއެއް ނޫން. ބޭސިކް،" މޮހޮޖު ކިޔައިދިނެވެ.

"އޭރު އެގޮތަށް ފެނުނު އެންމެ މޮޅު ގިޓަރިސްޓަކަށްވީ ނައިބުގެ މުހައްމަދު ޝިހާމް. އޭރު އަޅުގަނޑުމެން ވަރަށް ކުޑަވާނެ. އޭނަ އޮސްޓްރޭލިއާ އިން ކިޔަވައިގެން އެނބުރި އައިއިރު ގިޓާކުޅެން ވަރަށް މޮޅު. ގިޓާ އެކަންޏެއް ނޫން އޭނަ އަކީ ވަރަށް މޮޅު މިއުޒީޝަނެއް. މިއުޒިކް ވެސް ކިޔަވައިގެން މިއުޒިކް އެނގޭ މީހެއް."

"ދެން އަޅުގަނޑުމެން ދާން ފެށީ އޭނަ ކުޅޭ ޝޯތަކަށް. އޭނާގެ ޝޯތަކަށް ދިޔައީމަ ވަރަށް ގިނަ އެއްޗެހި ދަސްވާން ފެށީ. އޭނަ ޕްރެކްޓިސްކުރާ ތަނަށް ވެސް ދެވޭ."

"އަނެއްކޮޅުން އޭރު އޮންނާނެ ވީކެންޑް ޝޯ. ކުރީގަ ހުންނާނެ އައިސްގެ ކިޔާ ތަނެއް. މިހާރުގެ ޔުނިވާސަލް އެ ހުރިތަން. އެ ތަނުގައި އެންމެ ފުރަތަމަ ވިއްކަން ފެށީ އައިސްކްރީމް. ދެން ފަހުން އެތަނުގެ އެތެރޭގައި ސްޓޭޖެއް ހަދައި ކޮންމެ ވީކެންޑަކު މިއުޒިކް ކުޅެން ފެށީ. ޑާންސް ވެސް ކުރާނެ އޭރު މީހުން،" މިއުޒިކް ދަސްވެ ބޮޑުވަމުން އައިއިރު މާލޭގެ އޭރުގެ ހާލަތު އޮތް ގޮތް ސިފަކޮށްދެމުން މޮހޮޖު ބުންޏެވެ.

އެންމެ ފުރަތަމަ އެމީހުންނަކީ "ދަ މިކްސް"

މިއީ ޒީރޯ ޑިގްރީގެ އެންމެ އިސް ތިން މެމްބަރުންގެ ގޮތުގައި ނާޝިދު އާއި އަހުމަދު އާއި މޮހޮޖު މަޝްހޫރުވުމުގެ ކުރިން މި ތިން ފަންނާނުން އެކުގައި ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނުކުތް ގޮތެވެ.

"އޭރު ކްލަބް ވެލެންސިއާ އިން މާލޭގެ އޮލިމްޕަހުގައި ބާއްވާނެ ބޮޑު ކޮންސެޓެއް ކޮންމެ އަހަރަކު. ވަރަށް ގިނަ ބޭންޑް ކުޅޭ ގްރޭންޑް ކޮންސެޓެއް އެއީ މާލޭގައި ބާއްވާ. އެތަނުގައި ކުޅެން ފުރަތަމަ )އޮރިޖިނަލް( ޒީރޯ ޑިގްރީ އުފެދުނީ. ދެން އެ ތަނުގައި ކުޅެން ނަމެއް ބޭޏުންވާތީ ދަ މިކްސް ގެ ނަން ދިނީ،" ޒީރޯ ޑިގްރީގެ ނަމުން މަޝްހޫރުކަން ލިބުމުގެ ކުރިންވީ ގޮތް މޮހޮޖު ކިޔައިދެނެވެ.

ދަ މިކްސްއޭ ކިޔުނު ގޮތަކީ އޭރު މޮހޮޖާއި ނާޝިދު އާއި އަހުމަދު ވެސް ތަފާތު ތިން ބޭންޑެއްގައި މިއުޒިކް ކުޅެމުން ދިއުން ކަމަށް ވެދާނެ އެވެ. އެހެންކަމުން ތިން ބޭންޑަކުން ނުކުމެގެން އައިސް "މިކްސް" ވެލީ އެވެ.

ޒީރޯ ޑިގްރީގެ ނަމުގައި ބޭންޑެއް އުފެދުނީ 1987ގަ އެވެ.

"އެންމެ ފުރަތަމަ ޒީރޯ ޑިގްރީގެ ގޮތުގައި ނުކުތީ، ތިމާވެއްޓާ ބެހޭ ކެމްޕޭނެއްގައި، ޔުނިސެފަށް ލަވައެއް ހަދައިދޭން. އެ ލަވައަކީ ރީތި ހަނދުވަރު. އެ ލަވަަ ނެރެންވެގެން ފުރަތަމަ ޒީރޯ ޑިގްރީ އުފެއްދީވެސް،" މޮހޮޖު ކިޔައިދިނެވެ.

ހަޔާތުގެ އެންމެ ބޮޑު ދަތުރަކީ "ދޯނި"

ތިމާވެށީގެ ކެމްޕޭނަކަށް "ރީތި ހަނދުވަރު" އުފެއްދުމުގެ ފުރުސަތު ޒީރޯ ޑިގްރީ އަށް ލިބުނު ހިސާބަކީ ދިވެހި ވަންތަ އާ ލަވަތަކެއް އުފެއްދުމުގެ ހިޔާލު ވެސް އެމީހުންނަށް ލިބިގެން ދިޔަ ހިސާބެވެ.

"ދިވެހި ފޯކްލޯއާ ގުޅުންހުރި އަލްބަމެއް ލަވަތަކެއް ހެދުމުގެ ގޮތުން ދޯނި އަލްބަމްގެ މަސައްކަތް ފެށީ. އެ ހިޔާލަކީ ނާޝިދުގެ ހިޔާލެއް ފުރަތަމަ. އެ މަސައްކަތުގައި ވަރަށް ގިނަ ރަށްރަށް ދެވުނު. ނ. އަތޮޅުގެ ރަށްތަކުގައި ޓްރެޑިޝަނަލް ސައުންޑްސް އަލްބަމަށް ރިކޯޑްކުރީ. އެއީ ބަތްޕޮޅި ފޮޅާ އަޑާއި ދޯނި ބަންނަ މަސައްކަތުގެ އަޑު ފަދަ އަޑުތައް،" މޮހޮޖު ކިޔައިދިނެވެ.

"މި އަޑުތައް ރިކޯޑްކޮށްފައި ވަނީ އެކި ފަހަރުމަތިން ރަށްތަކަށް ކުރި ދަތުރުތަކުގައި."

"އަޅުގަނޑުމެން ބޭނުންވީ ދިވެހި މިއުޒިކްގައި ޒަމާނުއްސުރެން އޮތް ރޫލް ބްރޭކްކުރަން. ލިރިކްސް ވެސް ނުހުންނާނެ އޭގައި ފިލިކޯޅި ދިމާކޮށް ގޮތްގޮތް ހަދައިފައެއް. އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ވަކި ބަޔަކު ގަވާއިދެއް ހަދައިގެން އެއަށް އަމަލުކުރިޔަސް ކޮންމެހެން އެހެން ލަވަ ހަދާކަށް ނުޖެހޭނެކަން."

"ދޯނި" އަލްބަމްގެ މަސައްކަތް 80ގެ ފަހުކޮޅު ފަށައިގެން ގޮސް އަލްބަމް ނެރުނީ 1991 ވަނަ އަހަރު އެވެ. މާސްޓަރިން ހަދައި ކެސެޓަށް ޕްރިންޓްކޮށްގެން ގާތްގަނޑަކަށް 5000 އެއްހާ ކޮޕީސް މާލެ ގެނަ އެވެ.

އެކަމަކު އަލްބަމް ނެރުމުގެ ހަފުލާގައި އިނީ މޮހޮޖު އެކަންޏެވެ. އަލްބަމްގެ ރިކޯޑިން ނިމި އަލްބަމް ނެރެންވީ ތަނުން ނާޝިދު އާއި އަހުމަދު ފުރައިގެން ދިޔައީ އެވެ.

"އަހުމަދު ދިޔައީ ޔޫކޭ އަށް ކިޔަވަން، ނާޝިދު ދިޔައީ އޭނާގެ އަންހެނުން ވިހަން ޖެހޭތީ އޮސްޓްރޭލިއާ އަށް. އެހެންވީމަ ޕާފޯމެއް ވެސް ނުކުރެވޭނެތާ ގްރޭންޑްކޮށްލަން،" މޮހޮޖު ބުންޏެވެ.

"ދެން ހެދިގޮތަކީ ޓީވީ އާއި ރޭޑިއޯ އިން އިޝްތިހާރެއް ހިންގާލީ. ދޯނި އަލްބަމްގެ ކެސެޓް މިހާރު ގަންނަން ލިބެން ހުންނާނެ ކަމަށް ބުނެ. ޓީވީގެ ޚަބަރުގައި ވެސް ޖަހައިދޭނަމޭ ބުނި އޭރުގެ ޓީވީގެ ވެރިން އެކަމު ޚަބަރެއް ނުވި. އަނެއްހެން ރާއްޖޭގެ މީޑިއާގެ ސަމާލުކަމެއް ނުލިބޭ އޭރަކު."

"އެކަމަކު ފުރަތަމަ ދުވަހުން ފެށިގެން މީހުންނަށް ކަމުގޮސްގެން އަލްބަމްތައް ގަނެ ވިކެން ފަށައިފި. އެންމެން ހިތުދަސްލަވަ ތަކަކަށް ބަދަލުވެއްޖެ ވަގުތުން."

ޒީރޯ ޑިގްރީ އަލުން ނުއުފެދުނީ ކީއްވެ؟

ހަގީގަތަކީ "ދޯނި" އަލްބަމް ނެރުމަށް ފަހު މި ބޭންޑްގެ ހަގީގީ ރޫހު ގޮސްފިކަމެވެ. މޮޖޮހު އާއި އަހުމަދު އާއި ނާޝިދުގެ ޒީރޯ ޑިގްރީ 2008 ގެ ފަހުން މިއުޒިކެއް ނުކުޅެ އެވެ.

މިއަދު މޮހޮޖަކީ ސިޔާސީ ކުލަގަނޑެއްގައި ޖެހިފައި ހުރި ފާޑެއްގެ އެކްޓިވިސްޓެކެވެ. އަހުމަދުގެ ދިރިއުޅުން ވަނީ އެހެން ގައުމަކަށް ބަދަލުކޮށްފަ އެވެ. ނާޝިދުގެ ހާލު ވަރަށް ދެރަ އެވެ. ކެންސަރެވެ.

އެކަމަކު މޮހޮޖު ބުނަނީ ޒީރޯ ޑިގްރީއެއް ނުރޫޅޭ ކަމަށެވެ.

"އެކުގައި ބޭންޑް މިއުޒިކް ކުޅުން ހުއްޓާލީ 2008ގައި. އެއަށް ފަހު އަދި އެއްކޮށް މިއުޒިކެއް ނުކުޅެވޭ. އޭރު ދިޔައީ އިތުރު ލަވަތަކެއްގެ މަސައްކަތް ވެސް ކުރަމުން އެކުގައި،" މޮހޮޖު ބުންޏެވެ.

"ބޭންޑެއް ނުއެއް ރޫޅޭ. އެކަމަކު ދިމާވާ ކަންތައްތަކުގައި ސިޔާސީ ފިކުރާ ހެދި ދުރުވާން ޖެހެނީ."

"އަޅުގަނޑުގެ ކެރިއަރުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތުން. އެހެންވީމަ ފަހުން އައި ސިޔާސީ ކަންތަކުގައި ޖެހިގެން އަޅުގަނޑަކަށް ވެސް ބޭންޑަކަށް މާ ގިނަ ވަގުތެއް ނުދެވުނު ހަގީގަތުގައި. އެގޮތަށް ސިޔާސީ ކަންކަމުގައި މަގުމައްޗަށް ނުކުންނަން ޖެހެނީ ދަރިންނަށްޓަކައި. އެއްގޮތަކަށް ވެސް ޖޮބެއް ނުލިބިގެންނެއް ނޫން."

ޒީރޯ ޑިގްރީ ބައިބައިކޮށްލީ ސިޔާސީ ފިކުރު ކަމަށް ބުނާ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވިގެންވާކަން މޮހޮޖުގެ ވާހަކައިން ވެސް އެނގެ އެވެ.

ނާޝިދަކީ ނެތް ވަރުގެ އެކުވެރިއެއް!

ޒީރޯ ޑިގްރީ އާއި އަހުމަދު ޖޯންސްގެ މާ ކުރިން ވެސް ނާޝިދު އާއި މޮހޮޖަކީ ދެ އެކުވެރިންނެވެ.

"ކުރީގައި ނަމަ ހެނދުނު ހޭލާ ގޮތަށް ނާޝިދު އާއި އަހަރެން އުޅޭނީ އަބަދުވެސް އެކުގައި. ހެނދުނު ސައިބޯން ދާނީ ވެސް އެކުގައި އާންމުކޮށް،" މޮހޮޖު ކިޔައިދިނެވެ.

"އެކަމަކު ފަހުން ޓައިމް އާއި އޭޖު ބަދަލުވީ."

"ނާޝިދަކީ އަސްލު މިއުޒީޝަނެއް، ވަރަށް ގާތް ފްރެންޑެއް، ނެތް ވަރުގެ އެކުވެރިއެއް."

މިއުޒީޝަނެއްގެ ގޮތުގައި ނާޝިދު ސިފަކޮށްދޭން އެދުމުން އޭނާ އެންމެ ރަނގަޅަށް ސިފަކޮށްދޭނެ ގޮތެއް ވެސް މޮހޮޖަކަށް ނޭނގުނު ކަހަލަ އެވެ.

"މި ރާއްޖޭގައި ނުއުފެދޭ ވަރުގެ މިއުޒީޝަނެކޭ ބުނެވިދާނެ އޭނާ އަކީ. ވަރަށް ކްރިއޭޓިވް ވެސް މެ. ލަވައެއް ހަދާލުމާއި މިއުޒިކް ހަނދާލުމުގައި ވެސް. ނާޝިދަކީ މިއުޒިކުން ހަދާފައި ހުރި މީހެކޭ ވެސް ބުނެވިދާނެ."

"އެކުގައި މިއުޒިކް ކުޅުނުއިރު ވަރަށް ބޮޑަށް އެންޖޯއިކުރެވުނު. ހީއެއް ނުވޭ ދެނެއް އެފަދަ ފުރުސަތެއް ލިބޭނެހެންނެއް. މިހާރު ނާޝިދު ހުރި ކޮންޑިޝަންގެ ސަބަބުން އެކުގައި މިއުޒިކް ނުކުޅެވޭ ހިސާބަށް ވެސް ދިޔައީތާ. އެހެން ނޫން ނަމަ އަދިވެސް ކުޅެވޭނެ."