ފިނިޕޭޖް

ބޮސްޓަން ސްޓްރެންގްލާ މާޗްގައި ރިލީޒްކުރަނީ

"ޕައިރެޓްސް އޮފް ކެރީބިއަން"ގެ ކީރާ ނައިޓްލީ ދެން ފެންނާނީ ރިޕޯޓަރެއްގެ ރޯލުންނެވެ.

އުމުރުން 37 އަހަރުގެ ކީރާ މި ރޯލް އަދާކުރަނީ 20ތު ސެންޗުރީ ސްޓޫޑިއޯޒް އިން ހަދާ ކްރައިމް ޑްރާމާ ފިލްމް "ބޮސްޓަން ސްޓްރޭންގްލާ" ގައެވެ. މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށްފައިވާ ފިލްމެކެވެ.

1962 އިން 1964އާ ދެމެދު އެމެރިކާގެ މެސަޗޫސެޓްސް ސްޓޭޓްގެ ބޮސްޓަން އާއި ކައިރި ސިޓީތަކުގައި އަންހެނުން މަރަމުންދިޔަ ސީރިއަލް ކިލާއެއްގެ ސަބަބުން ހާއްސަކޮށް އަންހެނުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި އެވެ. އެ ސީރިއަލް ކިލާއަށް އެކި ނަން ދެވުނެވެ.

އެ މުއްދަތު ތެރޭގައި އެ ސީރިއަލް ކިލާ، 19 އަހަރާއި 85 އަހަރާ ދެމެދުގެ 13 އަންހެނުން މަރާފައިވެ އެވެ. މީގެތެރެއިން ގިނަ އަންހެނުންނާއެކު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާއިރު، ގިނަ އަންހެނުން މަރާފައިވަނީ ސްޓޮކިންއެއް ބޭނުންކޮށްގެން ކަރު ފިއްތާލައިގެންނެވެ.

އުމުރުން 85 އަހަރުގެ އަންހެނެއް މަރުވީ އެ ކިލާ ހަމަލާ ދިނުމުގެ ތެރޭގައި ހާޓްއެޓޭކެއް ޖެހިގެންނެވެ. މިކަމާ ގުޅިގެން ބައެއް އަންހެނުން ގެއަށް ވަރުގަދަ ތަޅުތަކާއި އެކި ސެކިއުރިޓީ އާލާތްތައް ގަތުމުގެ އިތުރުން ކަރުނަ ގޭސް ހޯދިއިރު، ބައެއް މީހުން އެ ސިޓީތަކުން އެހެން ސިޓީތަކަށް ދިރިއުޅުން ބަދަލުކުރިއެވެ.

1963 ގައި ބޮސްޓަން ރިކޯޑް އެމެރިކަންއަށް މަސައްކަތްކުރާ ދެ ރިޕޯޓަރުން ކަމުގައިވާ ލޮރެޓާ މެކްލޯފްލިން އާއި ޖީން ކޯލް ވަނީ މި ސީރިއަލް ކިލާ އަށް ހަތަރު ޕާޓްގެ އާޓިކަލް ސީރީޒެއް ލިޔެ، އެ ހަބަރު ސަމާލުކަމަށް ގެނެސް އެ ކިލާއަށް "ބޮސްޓަން ސްޓްރޭންގްލާ"ގެ ނަން ދީފައެވެ. އަދި އެ ޒަމާނުގައި ކުރިމަތިވި ޖިންސީ ނަހަމަކަމާއި ހުރަސްތަކާއެކުގައިވެސް މީހުންނަށް އެ ސީރިއަލް ކިލާއާ ބެހޭ މައުލޫމާތު ގެނެސްދިނެވެ.

މި ފިލްމުގައި ކީރާ އަދާކުރަނީ ލޮރެޓާގެ ރޯލެވެ. އަދި ޖީންގެ ރޯލު އަދާކުރަނީ ކެރީ ކޫން އެވެ. މީގެ އިތުރުން މި ފިލްމުގައި އެލެސަންޑްރޯ ނިވޯލާ، ކްރިސް ކޫޕާ، ޑޭވިޑް ޑެސްމެލްޗިއަން، މޯގަން ސްޕެކްޓާ، ރޮބަޓް ޖޯން ބާކް، ބިލް ކޭމް އަދި ރޯރީ ކޮކްރޭން ހިމެނެ އެވެ.

"ބޮސްޓަން ސްޓްރޭންގްލާ" ލިޔެ ޑައިރެކްޓްކުރީ މެޓް ރަސްކިން އެވެ. އަދި މި ފިލްމްގެ ޕްރޮޑިއުސަރުންގެ ތެރޭގައި ރިޑްލީ ސްކޮޓް ހިމެނެ އެވެ.

މެޓް ބުނީ މި ފިލްމަކީ ޓްރޫ ކްރައިމް ތްރިލާއަކަށް ވީނަމަވެސް، މިއީ އެ ދެ އަންހެން ރިޕޯޓަރުން އޭރުގެ މުޖުތަމައުގައި ގަބޫލުކުރެވޭ އަދި ބަލައިގަނެވޭ ކަންތައްތަކަށް ގޮންޖަހައި، އެމީހުންނަށް މުހިއްމު މަސައްކަތްކުރާ ވާހަކައެއް ކަމަށެވެ.

މި ފިލްމުގެ ޓްރޭލާ މިހާރު ނެރެފައިވާއިރު މި ފިލްމް ހޫލޫއަށް ރިލީޒްކުރަނީ ކުރިއަށް އޮތް މާޗް މަހުގެ 17 ވަނަ ދުވަހު އެވެ.