އަދާލަތު ޕާޓީ

ރައީސް ސޯލިހަށް ތާއީދުކުރަން އަދާލަތުން ނިންމައިފި

Feb 22, 2023
3

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.

އަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ މިހާރުގެ ހާލަތު ހުރި ގޮތުން މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކޮށްގެން ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހަށް ގަބޫލުކުރެވޭ ކަމަށެވެ.

"އަދާލަތު ޕާޓީގެ ދުސްތޫރުގެ 49.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިޤުރާރުވަމެވެ،" ބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީން ރައީސް ސޯލިހަށް ތާއީދުކުރަން ނިންމީ މައިގަނޑު ހަތަރު ކަމަކަށް ބެލުމަށްފަހު އެވެ.

އަދާލަތު ޕާޓީން ބެލި ހަތަރު ކަންތައްތައް

  • މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާ ކުރިއަރުވާ ދެމެހެއްޓުމާއި ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށް
  • ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ދަމަހައްޓާ، ދިވެހިރާއްޖޭގެ ސުލްޙަމަސަލަސްކަން ދަމަހައްޓާ، ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުން
  • ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށްފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް އިސްކަން ދިނުމަށާއި، މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް އެމްޑީޕީ އެއްބަސްވުން
  • ވޭތުވެދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު އަދާލަތު ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި އަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު މިވަގުތު އޮތް ގޮތަށް ރިއާޔަތްކުރުން

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމާފައިވަނީ ރައީސް ސޯލިހްގެ ފަރާތްޕުޅުން ކޯލިޝަނުގެ ބައިވެރިންނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އަދާލަތު ޕާޓީ އަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީ އެކެވެ.

ރައީސް ސޯލިހްގެ ސިޓީގައި ކޯލިޝަން ލީޑަރުންގެ ކިބައިން އެދިވަޑައިގެންފައިވަނީ އެމަނިކުފާނާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ކުރިއަށް ދިއުމަށެވެ.

އަދާލަތު ޕާޓީ އަކީ އެ ޕާޓީ އުފެއްދި ފަހުން އައި ކޮންމެ ސަރުކާރެއްގައި ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ބައިވެރިވި ޕާޓީ އެކެވެ. އެގޮތުން 2008ގައި ރައީސް ނަޝީދާ އެކު، 2013ގައި ރައީސް އަބްދުﷲ ޔާމީނާ އެކު އަދި 2018 ގައި ރައީސް ސޯލިހާ އެކު ހެދި ކޯލިޝަންގައި ވެސް އަދާލަތު ބައިވެރިވެ އަދިވެސް ތިބީ ކޯލިޝަންގަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންވާނަމަ އެކަމުގައި ގޮތެއް ނިންމެވުމުގެ ބާރު އެމަނިކުފާނަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފާސްކޮށްފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ގިނަ ބަޔަކާ އެކު ބޭއްވި ޖަލްސާއެއްގައި ވަނީ ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފަ އެވެ.