ރިޔާސީ އިންތިހާބު 2023

ރައީސް، މުއިއްޒަށް: މަގުތައް ވިއްކައިގެން ކެމްޕޭނަށް ފައިސާ ނުހޯދޭނެ

މާލޭގެ މަގުތަކުން ޕާކިން ޒޯނުތައް ހަދައި ވިއްކައިގެން އެ ފައިސާ އިން ކެމްޕޭން ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވިދާޅުވެ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.

މާލޭގެ ކާނިވަލް ސަރަހައްދުގައި "އުފާވެރި މާލެ" ނަމުގައި ކުރިއަށްދާ ޖަލްސާގައި ރައީސް ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލުން ވިއްކާފައިވާ ޕާކިން ސްލޮޓްތައް ވިއްކުން އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރެއްގައި ހުއްޓުވާނެ ކަމަށެވެ. އަދި އެއީ ކުރަންޖެހޭ ކަމެއް ކަމުގައި ދެ ފަހަރެއްގެ މަތިން ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ މަގުތައް ހުސްކޮށްފައި ޕާކިންއަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅުން. މިހެންނެއް މާލޭގެ މަގުތައް ވިއްކައިގެން ކެމްޕޭން ކުރުމުގެ ފުރުސަތެއް ނޯންނާނެ," މުއިއްޒަށް ބަހުގެ ހަމަލާއެއް ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގައި ގައުމަށް ގެނެސްދީފައިވާ ތަރައްގީއަކީ އެއްވެސް ފާއިތުވި އެއްވެސް ވެރިކަމެއްގައި މިގައުމަށް ގެނެސްދީފައިވާ ތަރައްގީއެއް ނޫން ކަމަށެވެ. މިސާލެއް ދައްކަވަމުން ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ އިތުރުން ބޯހިޔާވެހި ކަމުގެ މަޝްރޫއުތައް މިވެރިކަމުގައި ގެންދިޔަ ގޮތަށް ގެންދިޔަ ދެވަނަ ސަރުކާރެއް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މާލޭގެ 19،000 ރައްޔިތުންނަށް އިން ވަކިކޮށް ގޯތީގެ ފަތް ހަވާލުކުރެވިއްޖެ ކަމަށާއި ވެރިކަމުން ވަޑައިގަންނަވާނީ މުޅި މައްސަލައަށް ހައްލު ހޯދައިދީފައިވާ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ދިރިއުޅޭ 13،000 އަށް ވުރެ ގިނަ ރައްޔިތަކަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަންވެސް ހޯދައިދެވިއްޖެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ދައުރުގައިވެސް ކުރާނެ އެންމެ މުހިއްމު އަދި އެންމެ ބޮޑު މަސައްކަތަކީ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުން ކަމުގައި ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ނިންމާނީ ބޯހިޔާވެހިކަމަށް ބޭނުންވެފައި ތިބި އެންމެންނަށް އެކަން ހައްލުކޮށްދީފައި" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ވަސީލަތްތަކެއް ގާއިމުކުރަން ފެށުމުން ބަޔަކު ފުރަތަމަ އެކަމާ ދެކޮޅަށް ފާޑުކިޔަމުން ދިޔަ ކަމަށެވެ. އެކަމަކު އެއީ ރަނގަޅަށް ކުރެވުނު ކަމެއް ކަމުގެ މިސާލު ރައީސް ދެއްކެވީ މިހާރު ކުރިއަށްދާ އައިއޯއައިޖީގައި ދިވެހި އެތުލީޓުން ހޯދަމުންދާ ކާމިޔާބުތަކުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި މިމުބާރާތުގައި ރާއްޖެ މިހާރު ވަނީ 27 މެޑަލް ހޯދާފަ އެވެ. އެއީ އެންމެ ފަހުގެ ގޭމްސްގައި ހޯދި މެޑަލްއަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ކަމުގައި ވިދާޅުވި އެވެ. އޭގެފަހުގައި ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ވެސް އެންމެ ގިނަ މެޑަލް ހޯދީ މިސަރުކާރުގައި ކަމަށެވެ.

"މިއީ އަޅުގަނޑުމެން ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރަމުންދާ އެ އްސަބަބު،" ކުޅިވަރުން ހޯދާ ކާމިޔާބީތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އިސްލާމް ދީނާއި ގައުމިއްޔަތާ އިސްކޮށްފައިވާ ހާރިޖީ ސިޔާސަތެއް ކުރިއަށް ގެންދިއުން ކަމަށާއި އިންޑިއާ ފަސްޓް ޕޮލިސީ އަދި ވަން ޗައިނާގެ ސިޔާސަތު މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައިވެސް ކުޑަރަށެއް ބޮޑުރަށެއް ބެލުމެއްނެތި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުންނާނަން،" ރައީސް ވިދާޅުވި އެވެ.