އަބްދުﷲ ރިޔާޒް

ބީއެމްއެލްގެ އެކައުންޓުން ފައިސާ ގެއްލޭ މައްސަލަ މަޖިލީހަށް

Feb 22, 2023
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓްގައި ހުންނަ ފައިސާ ބައެއް މީހުންނަށް ނޭނގި ގެއްލޭ ކަމަށް ބުނާ ޝަކުވާތައް ގިނަވެފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ބެލުމަށް މަޖިލީހުގައި ހަދާފައިވާ އެސްއޯއީ ކޮމިޓީއަށް މިމައްސަލަ މިއަދު ހުށަހެޅުއްވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ.

ރިޔާޒު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެކައުންޓްގައި ހުންނަ ފައިސާ ގެއްލޭ މައްސަލައިގައި ބީއެމްއެލްއާއި މަރުކަޒީ ބޭންކް -- އެމްއެމްއޭގެ އެދެވޭ ޖަވާބެއް ކަސްޓަމަރުންނަށް ނުލިބޭ ކަމަށެވެ.

މައްސަލަ ހުށަހަޅުއްވާފައިވަނީ ކޮމިޓީން އެ މައްސަލަތައް ބަލައި ހައްލު ހޯދުމަށެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ މައުލޫމާތު އެ މީހުންނަށް ނޭނގި ހޯދައިގެން ދެލައްކަ ރުފިޔާގެ ވިޔަފާރި ކުރި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ހާމަކޮށްފައިވެ އެވެ.

ބީއެމްއެލްގެ ތެރެއިން އެ ބޭންކުގެ އެއްވެސް ކަސްޓަމަރެއްގެ މައުލޫމާތު ހާމަނުވާނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ދެއެވެ. އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އަބަދުވެސް ފިޔަވަޅު އަޅަމުންދާ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.