ހަބަރު

ދިވެހިން އިސްލާމް ދީނަށް އުޅޭތީ އަދަބު ލިބިގެން ނުވާނެ: ރައީސް

Jan 24, 2015
1

އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި އޮންނަހާ ބޮޑަށް ރާއްޖޭގައި މިނިވަންކަން ނޯންނަ ކަމަށް ބުނެ، ރާއްޖެއާ މެދު ފިޔަވަޅު އަޅައި އަދަބު ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ 100 ޕަސެންޓް ސޯލާ ރިސޯޓް، ގަސްފިނޮޅު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވަމުން ރައީސް ވިދާޅުވީ، ޑިމޮކްރަސީ ދަސްކޮށްދޭ އެއްޗަކީ ވެސް ގިނަ ބަޔަކު ގަބޫލު ކުރާ އުސޫލަކަށް އިހުތިރާމް ކުރުން ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނުގެ މަތީގައި ތިބުމަކީ، ރާއްޖޭގައި މިނިވަންކަމެއް ނެތުން ކަމަށް ގަބޫލު ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އޮތީ ސުލްހަ މަސަލަސްކަމާއި އެހެން ސަގާފަތް ތަކުގެ މީހުންނާ އެކު ދިރިއުޅުމުގެ ރޫހެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއާ މެދު ބޭރު ދުނިޔޭގައި ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގައި މި އޮތީ އަމާން މާހައުލެއް. ތިބޭފުޅުންނަށް އެކަން ފެނިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ މި އޮތީ އެހެން މީހުންނަށް އިހުތިރާމް ކުރާ، ހަމަޖެހުމާއި ސުލްހަޔަށް ލޯބި ކުރާ، ސަގާފަތްތަކަށް އިހުތިރާމް ކުރާ ބައެއް. މިއީ އިސްލާމް ދީނުގެ ރީތި އުސޫލުތަކަކީ. އެހެން ވީމާ، މި ވާހަކަތައް އަޅުގަނޑު އެދެނީ ތިބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކު ވެސް ތިބޭފުޅުންގެ ގައުމުތަކުގެ ޕާލިމަންޓް މެންބަރުންނާ ސަރުކާރުތަކަށް ގެންގޮސްދިނުން. ރާއްޖެއަށް އަދަބެއް ދިނުމަކީ ހައްގު ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުދި ގައުމުތަކަށް އަދަބު ދިނުމުގެ ނަތީޖާއެއްގެ ގޮތުން އެ ގައުމުތަކުގެ އިގްތިސާދާއި ކުރިއެރުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. އަދި ކުދި ގައުމުތަކުގެ ކުރިއެރުމަށް މަސައްކަތް ކުރަން ޖެހޭ އިރު، އެފަދަ ގޮތަކަށް އަދަބު ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ޓުއަރިޒަމް ތަރައްގީވުމުގެ ނަތީޖާއެއްގެ ގޮތުން އެހެން ޝަގާފަތްތަކުގައި މީހުންނާ އެކު ދިރިއުޅުމަށް ދިވެހިންނަށް ދަސްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޓުއަރިޒަމް ކިތަންމެ ބޮޑަށް ތަރައްގީވެފައި އޮތް ނަމަވެެސް އެ ދާއިރާއަށް އޮތް ގޮންޖެހުންތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް މިހާރު އަންނަ ޓުއަރިސްޓުންނަށް ހިދުމަތްދެވޭ ވަރަށް ވުރެ ކުޑަވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ އެ އެއާޕޯޓް 70 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރަށް ތަރައްގީ ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިކަމަށް ވެސް ގޮންޖެހުންތަކެއް އެބަހުރި. އެކަމަކު ސަރުކާރުން މި ބަލަނީ އެ ގޮންޖެހުންތަކުން ގިރާކޮށް ރާއްޖެއަށް އިގްތިސާދީ ބަދަލެއް ގެންނަން. ޓުއަރިޒަމަކީ އޭގެ މައިނާރެހަށް ވާނެ. އަޅުގަނޑުމެން މި ބަލަނީ ސިޔާސީ ކަންކަމަށް ފޯކަސް ނުކޮށް އިގްތިސާދީ ބަދަލުތަކެއް ގެންނަން. މެގަ ޕްރޮޖެކްޓްތަކެއް ގެންނަން،" ރައީސް ވިދާޅުވި އެވެ.

ހުޅުލެ-މާލެ ބްރިޖްގެ މަޝްރޫއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއަކީ ރާއްޖޭގެ އެންމެ މުހިންމު ދެ ސަރަހައްދު ގުޅުވާލުމަށް ހިންގޭނެ މެގަ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ގެއްލުންތަކެއް ހުރި ކަމަށް ބުނި ނަމަވެސް އޭގެން ލިބެން ހުރި ފައިދާތައް މާގިނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު އެއީ ގޮންޖެހުންތައް ބޮޑު މަޝްރޫއެއް ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ޗައިނާއިން އެ މަޝްރޫއަށް އެހީވާނެ ކަމުގެ ޔަގީންކަން ދިނުމަކީ އެކަން ހަގީގަތަކަށް ހެދޭނެ ކަމެކެވެ.

"ގޮންޖެހުންތަކާ އެކުވެސް އަޅުގަނޑުމެން އެ މަޝްރޫއު ކުރިއަށް ގެންދާނެ. މިއީ އޭގެން ގިނަ ފައިދާތަކެއް ކުރާނެ ތަރައްގީތަކެއް ލިބޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ޓުއަރިޒަމް ރާއްޖޭގައި ކުރިނޭރުވޭނެ ކަމަށް ބުނި ނަމަވެސް ރާއްޖޭން ޓުއަރިޒަމް ދާއިރާގައި ނަމޫނާ ދައްކަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެ ފަދަ ކުދި އެހެން ގައުމުތަކަށް ވެސް ޓުއަރިޒަމް ކުރިއެރުވިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމަށް ބޭނުން ވަނީ އެ ގައުމެއްގައި ސުލްހަ މަސަލަސްކަން އޮތުމެވެ. އަދި ރާއްޖޭގައި އެކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް ރައީސް ވައުދުވެވަޑައިގަތެވެ.