އިލެކްޝަންސް ކޮމިޝަން

ސިޔާސީ ޕާޓީތަކަށް 36 މިލިއަން ރުފިޔާ ދެނީ

މިއަހަރުގެ ބަޖެޓްގައި ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައެޅި ފައިސާ ކަމަށްވާ 36 މިލިއަން ރުފިޔާ އެ ޕާޓީތަކަށް ދޭގޮތުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާންމުކޮށްފި އެވެ.

މި ފައިސާ ލިބޭނީ އީސީގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާއި ހަމައަށްް 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. ޕާޓީތަކަށް ދޫކުރުމަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 36،896،088 ރުފިޔާ އެވެ.

އީސީ އިން ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، އެންމެ ބޮޑު އަދަދެއްގެ ފައިސާ ލިބެނީ މެންބަރުން އެންމެ ގިނަ ވެރިކަން ކުރާ އެމްޑީޕީއަށެވެ. އެގޮތުން އެ ޕާޓީއަށް 14 މިލިއަން ރުފިޔާ ލިބެ އެވެ. ދެވަނައަށް އެންމެ ގިނަ ފައިސާ ލިބެނީ އިދިކޮޅު ޕީޕީއެމްއަށެވެ. އެއީ 9.5 މިލިއަން ރުފިޔާ އެވެ.

ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީއަށް 5.7 މިލިއަން ރުފިޔާ ލިބުނުއިރު އަދާލަތު ޕާޓީއަށް ލިބުނީ 2.4 މިލިއަން ރުފިޔާ އެވެ. ޖޫރިމަނާއެއްގެ ގޮތުގައި 20،000 ކެނޑުމަށްފަހު އެމްއެންޕީއަށް ވެސް 2.4 މިލިއަން ރުފިޔާ ލިބުނު އިރު، އެމްޑީއޭއަށް ވަނީ 2.6 މިލިއަން ރުފިޔާ ލިބިފަ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނު ބުނާ ގޮތުން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް މެންބަރުންގެ ނިސްބަތުން އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ފައިސާ ދީ ހަލާސްކުރަން ޖެހެ އެވެ.