އެމްޑީޕީ

ރައީސްގެ މަންދޫބުން އެމްޑީއޭއާއި ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ އިސް ވެރިންނާއި ބައްދަލުކުރައްވައިފި އެވެ.

ސަން ސިޔާމް ބިލްޑިންގްގައި މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ސޯލިހުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން އެވެ.

އެމްޑީއޭގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފްގެ އިތުރުން ނައިބު ލީޑަރު އާއިޝަތު ރަފިއްޔާ އަދި ޕާޓީ ކައުންސިލްގެ ބައެއް މެމްބަރުންނެވެ.

ދެ ޕާޓީއިން ވެސް މި ބައްދަލުވުމުގެ ތަފްސީލެއް ހާމަކޮށްފަ އެއް ނުވެއެވެ.

ރައީސް ސޯލިހުގެ ފަރާތްޕުޅުން ކޯލިޝަންގެ މަޝްވަރާއަށް އެދިވަޑައިގެން އެމްޑީއޭއަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށާއި އިންތިހާބުގައި ވާދަކުރާ ބަޔަކާ އެކު ކޯލިޝަނެއްް ހެދުމަށް އެމްޑީއޭގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމު މުހައްމަދު ވަނީ އިއްޔެ ނިންމަވާފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ސިޔާމު ނިންމަވާފައި މިވަނީ މި މަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާކުރެއްވި ފަހުންނެވެ. މިބައްދަލުވުމުގެ މައުލޫމާތު ރައީސް ސޯލިހް ވެސް އަދި ސިޔާމު ވެސް މިއަދާ ހަމައަށްވެސް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ސިޔާމު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާ އެކު ކޯލިޝަނެއް ހައްދަވައިގެން މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާމު ވަނީ ޔާމީނާ އެކު ކޯލިޝަން ހެދުމަށް ދެކޮޅު ހައްދަވާފަ އެވެ.