ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިލެއްވުމަކަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ އިސް ވެރިންނާއި ބައްދަލުކުރައްވަން ނިންމައިފި އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެމްޑީއޭއެކު ކޯލިޝަނުގެ މަޝްވަރާތައް ކުރުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށެވެ.
މިގޮތުން އެ ކޯލިޝަނުން މިއަދު ހަވީރު 5:00 ގައި އެމްޑީއޭއާއި ބައްދަލުކުރާނެކަމަށް ހީނާ ވިދާޅުވި އެވެ. އަދި އެ ކޯލިޝަނުން އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް އެމްޑީއޭއަށް ސިޓީއެއް ފޮނުވާފައިވާނެކަމަށް ވެސް ވިދާޅުވި އެވެ.
ހީނާ އިތުރަށް ވިދާޅުވީ، މި ބައްދަލުވުން ކުރިއަށްދާނީ ސަން ސިޔާމް ބިލްޑިންގްގައި ކަމަށެވެ. އަދި މިވަގުތު މާލޭގައި ތިއްބެވި އެ ކޯލިޝަނުގެ އިސް ލީޑަރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު ހަވީރު ފަހެއް ޖަހާއިރު އެމްޑީއޭއާއި އެބަ ބައްދަލުކުރަން. ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މައުލޫމާތު ހިއްސާކުރާނަން،" ހީނާ ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވެސް ވަނީ މިއަދު އެމްޑީއޭގެ އިސް ވެރިންނާއި ބައްދަލުކުރައްވާފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށާއި އިންތިހާބުގައި ވާދަކުރާ ބަޔަކާ އެކު ކޯލިޝަނެއްް ހެދުމަށް އެމްޑީއޭގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމު މުހައްމަދު ވަނީ އިއްޔެ ނިންމަވާފަ އެވެ. އަދި ގައުމުގެ ހާލަތު އޮތް ގޮތުން މަސްލަހަތަށް އިސްކަންދިނުމަށްޓަކައި އޭނާ ފަހަތަށް ޖެހިވަޑައިގަތުމަށްފަހު އިންތިހާބުގައި ވާދަކުރާ ޕާޓީއަކާ އެކު ކޯލިޝަން ހެދުމަށް ޝިޔާމް ވަނީ އެމްޑީއޭއަށް ހުށަހަޅުއްވާފަ އެވެ.
ސިޔާމު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާ އެކު ކޯލިޝަނެއް ހައްދަވައިގެން މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާމު ވަނީ ޔާމީނާ އެކު ކޯލިޝަން ހެދުމަށް ދެކޮޅު ހައްދަވާފަ އެވެ.