މިއުވާން މުހައްމަދު

އިގްތިސޯދީ ކަންކަން ބަލަހައްޓާ ގޮތާ މެދު އައިއެމްއެފްގެ ރުހުން

ދިވެހި ސަރުކާރުން ރާއްޖޭގެ ދަރަންޏާއި އިގްތިސޯދު ބަލަހައްޓާ ގޮތާ މެދު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ތިބީ ހިތްހަމަޖެހިފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ރާއްޖޭގެ ދަރަނި މެނޭޖޫ ކުރާ ގޮތައި މެދު އައިއެމްއެފް އިން ހިތްހަމަޖެހޭކަން ހާމަކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގެ ދަރަންޏާއި މުޅި އިގްތިސާދީ ހާލަތު ސަރުކާރަށް މެނޭޖޫ ކުރެވޭ،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުކުރަން ސަރުކާރުން ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށާއި އަދި މިހާރު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އައިއެމްއެފުން ފާހަގަކުރާ ކަމަށެވެ.

މިއުވާން މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް މަޖިލީހުން ލަފާ ދިނުމަށް ފާސްކުރި ފަހުން އެކަން އެގޮތަށް ނުހިނގާތީ މަޖިލީހުގައި މިވަގުތު އަންނަނީ ގަރާރަކަށް ބަހުސް ކުރަމުންނެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

އީވާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ލޯނުތަކާއި ދަރަނިތައް ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ލަފާ އަރުވަން މަޖިލީހުން ފާސްކޮށްފައިވާނެ ކަމަށެވެ. އަދި އޭރު ފާސްކުރި ރިޕޯޓުގައި ރައްޔިތުންގެ މަޖިލީހަށް ފުރިހަމައަށް ތަފްސީލް ދިނުމަށް އޮންނާނެ ކަމަށްވެސް އީވާ ވިދާޅުވި އެވެ.

"އެހެންނަމަވެސް ދެ އަހަރާއި ބައި ހިނގާ ދިޔައިރުވެސް، ރައްޔިތުންގެ މަޖިލީހަށް މި މަސައްކަތުގެ ހިލަމެއްވެސް ހަބަރެއްވެސް ނުވާތީ އަޅުގަނޑު އަލުން އަނބުރާ އެ ރިޕޯޓް ތަންފީޒު ކުރުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރެއް މީ،" އީވާ ވިދާޅުވި އެވެ.