މޯލްޑިވްސް ޕޮލިސް ސާވިސް

ވ. އަތޮޅުން ފެނުނީ ލިޓަންގެ ހަށިގަނޑެއް ނޫން

Feb 23, 2023

ވ. އަތޮޅު ވެމްފަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓަކުން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާގެ ހަށިގަނޑު ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

ވެމްފަރު ފަޅުން އިންސާނެއްގެ ހަށިގަނޑު ފެނުނީ މިދިޔަ ޖެނުއަރީ ދެވަނަ ދުވަހު އެވެ.

ވެމްޕަރުން ފެނުނު އިންސާނެއްގެ ހަށިގަނޑުގެ ސާމްޕަލް ޓެސްޓްތަކެއް ހެދުމަަށްފަހު ފުލުހުން މިއަދު ބުނީ މިހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑު ނޫން ކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހަށިގަނޑަކީ އޮޔާއެކު ރާއްޖެ އައިސްފައިވާ ހަށިގަނޑެއް ބެލުމަށް ބައިނަލްއަގްވާމީ ބައިވެރިންނާ ވާހަކަދައްކަމުންދާ ކަމަށެވެ.

ވިލިމާލެ އިން ތެޔޮ ބޯޓެއްގައި މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ފުރި ފަހުން ގެއްލިގެން ހޯދަނީ ބަންގްލަދޭޝްގެ މޮހައްމަދު ލިޓަން (35 އ) އެވެ. އޭނާއާ އެކު ބޯޓުގައި ދަތުރުކުރީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު (45 އ) އެވެ.

މި ދެ މީހުން ދަތުރުކުރި ބޯޓު މިދިޔަ ޖެނުއަރީ އެއްވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ހުޅުލެ ކައިރިން ވަނީ ފެނިފަ އެވެ. ބޯޓު ފެނުނު ވަގުތު ބޯޓުގައި އެއްވެސް މީހަކު ނެތެވެ.

ބޯޓުން ދަތުރުކުރި ނިޒާމު ފުލުހުންނަށް ފެނުނީ އޭނާ ހޯދަން އިއުލާންކުރި ފަހުން ނިޒާމުއާ އެކު މީހަކު ނަގާފައިވާ ސެލްފީއެއް ސޯޝަލްމީޑީއާގައި އާންމުކުރި ފަހުންނެވެ.

ފުލުހުން ނިޒާމު ހައްޔަރުކުރީ މާލޭގެ ގެސްޓްހައުސްއެއްގައި ހުއްޓަ އެވެ. ލިޓަން މަރާލި ކަމުގެ ތުހުމަތު ނިޒާމަށް ކުރާއިރު އޭނާއަށް ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ ދަނީ ތައްޔާރުވަމުންނެވެ.