ފިނިޕޭޖް

"ސީއެސްއައި: ވޭގަސް"ގެ ތިންވަނަ ސީޒަން ހަދަނީ

"ސީއެސްއައި: ވޭގަސް" ފޭނުންނަށް މިފަހަރު މިއޮތީ އުފާވެރި ހަބަރެކެވެ.

ސީބީއެސްއިން "ސީއެސްއައި: ވޭގަސް" ތިންވަނަ ސީޒަނެއް ހަދަނީ އެވެ.

"ސީއެސްއައި: ވޭގަސް"ގެ ދެވަނަ ސީޒަން ދައްކަން ފެށީ އޮކްޓޯބަރު 6، 2021 ގައެވެ. މި ސީޒަންގައި 21 އެޕިސޯޑް ހިމެނެ އެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަންގައި ހިމެނެނީ 10 އެޕިސޯޑެވެ.

"ސީއެސްއައި: ވޭގަސް" އަކީ "ސީއެސްއައި: ކްރައިމް ސީން އިންވެސްޓިގޭޝަން"ގެ ސިކުއެލް އެވެ.

މި ފްރެންޗައިޒްގައި އިތުރު ތިން ސްޕިންއޮފް (ސީއެސްއައި: މަޔާމީ، ސީއެސްއައި: ނިއު ޔޯކް އަދި ސީއެސްއައި: ސައިބާ) ހިމެނެ އެވެ.

"ސީއެސްއައި: ކްރައިމް ސީން އިންވެސްޓިގޭޝަން" ވަނީ 15 ސީޒަނަށް ކުރިއަށް ގެންގޮސްފަ އެވެ.

ކްރައިމް ސީން އިންވެސްޓިގޭޝަން ފްރެންޗައިޒްގައި ސައިންސްގެ އެހީގައި ހެއްކާއި ދަލީލު ހޯދައި، ކުށްވެރިން ހޯދަ އެވެ. މިއީ ޕޮލިސް އޮފިސަރުން ނޫނަސް، ޕޮލިހުގެ ކްރައިމް ލެބްގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންނެވެ. އަދި ހީނުކުރާފަދަ އަނިޔާވެރި އަދި އަޖައިބުވާ ފަދަ ކޭސްތައް މި ސީރީޒްތަކުގައި ގެނެސްދީފައިވެ އެވެ.

"ސީއެސްއައި: ވޭގަސް"ގެ މެއިން ކާސްޓްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މި ފްރެންޗައިޒްއަށް އާ އެކްޓަރުން ކަމުގައިވާ ޕޯލާ ނިއުސަމް، މެޓް ލޯރިއާ، މަންދީޕް ދިލަން، ޖޭ ލީ އާއި ސޭރާ ގިލްމަން އެވެ. އެހެންނަމަވެސް ފުރަތަމަ ސީޒަންގައި އޮރިޖިނަލް ސީރީޒްގެ ވިލިއަމް ޕީޓާސަން، ޖޯޖާ ފޮކްސް މެއިން ކާސްޓްގެ ތެރޭގައި ހިމެނިފައިވާއިރު، ވޮލެސް ލެންގެމް އާއި ޕޯލް ގިލްފޯއިލް ވަނީ ދެތިން އެޕިސޯޑުން ފެނިފަ އެވެ.

އަދި ދެވަނަ ސީޒަންގައި ވިލިއަމް އާއި ޖޯޖާގެ ބަދަލުގައި އޮރިޖިނަލް ކާސްޓްގެ ތެރެއިން ހިމެނެނީ މާގް ހެލްގެންބާގާ އެވެ. މީގެ އިތުރުން އޭރިކް ސެމެންޑާ އާއި ކެޓީ ސްޓީވަންސް ބައެއް އެޕިސޯޑުން ފެންނާނެ އެވެ.