ފިނިޕޭޖް

ރޮބަޓް ޑި ނީރޯ "އެބައުޓް މައި ފާދާ"ގައި

ރޮބަޓް ޑި ނީރޯ އާއި ސެބާސްޓިއަން މެނިސްކަލްކޯގެ ކޮމެޑީ ފިލްމް "އަބައުޓް މައި ފާދާ"ގެ ޓްރޭލާ ނެރެފި އެވެ.

މި ފިލްމަކީ ސެބާސްޓިއަންގެ ހަޔާތުން އިންސްޕަޔާވެގެން ލިޔެފައިވާ ސްކްރިޕްޓަކަށް ހަދާފައިވާ ފިލްމެކެވެ.

ސެބާސްޓިއަން ބުނީ މިއީ ހަގީގަތުގައި އޭނާގެ އަންހެނުން ލާނާގެ އާއިލާއާ ބައްދަލުކޮށް ހެދުމުގައި ދިމާވި ކަންތައްތައް އިތުރަށް މަޖާކޮށް، ބޮޑުކޮށްލާފައި އޮތް ފިލްމެއް ކަމަށެވެ.

މި ފިލްމްގެ ސްކްރިޕްޓް ސެބާސްޓިއަން އާއި އޮސްޓެން އާލް ލިޔެފައިވާއިރު، ޑައިރެކްޓްކުރީ ލޯރާ ޓެރޫސޯ އެވެ. އަދި މިފިލްމުގައި ސެބާސްޓިއަންގެ ރޯލް އަދާކުރަނީ ހުދު އޭނާ އެވެ.

މި ފިލްމްގެ ޕްލޮޓަށް ބަލާއިރު، ސެބާސްޓިއަންގެ ލޯބިވެރިޔާއާ ކައިވެނިކުރަން އަހަން ގަސްދުކުރާ ކަމަށް އޭނާގެ ބައްޕަ ސެލްވޯ ގާތު ބުނެ އެވެ.

ސެލްވޯއަކީ ކުރީ ޒަމާނުގެ ވިސްނުން ހުންނަ އިޓަލީ އިން އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި މީހެކެވެ. ސެލްވޯ ބޭނުންވަނީ ސެބާސްޓިއަންގެ ލޯބިވެރިޔާގެ މައިންބަފައިންނާއެކު ހަފްތާ ބަންދު ހޭދަކުރުމަށެވެ. ދެން ފެނިގެންދާނީ ދެ ސަގާފަތުގެ ތަފާތާއި ކުރިމަތިލާ މަންޒަރެވެ.

މި ފިލްމުގެ އިތުރު ކާސްޓް މެންބަރުންގެ ތެރޭގައި ލެސްލީ ބިބް، ކިމް ކެޓްރަލް، އެންޑާސް ހޯމް އާއި ބްރެޓް ޑައާ ހިމެނެ އެވެ.

އުމުރުން 73 އަހަރުގެ ރޮބަޓް ޑި ނީރޯ އަކީ އަށް ފަހަރު އެކަޑަމީ އެވޯޑަށް ނޮމިނޭޓްވެފައި، ދެ ފަހަރު އެ އެވޯޑްގެ އިތުރުން ދެ ގޯލްޑަން ގްލޯބް އެވޯޑް ލިބިފައިވާ ހުނަރުވެރި އަދި ތަޖުރިބާކާރު އެކްޓަރެކެވެ.

ސެބާސްޓިއަން ބުނީ އޭނާގެ ބައްޕަގެ ގާތު ރޮބަޓް ޑި ނީރޯ ބައްޕަގެ ރޯލުކުޅޭ ވާހަކަ ބުނުމުން ބައްޕަ ހުރީ އުފަލުން ފޮޅިފައި ކަމަށެވެ.

ލަޔަންސްގޭޓްއިން "އެބައުޓް މައި ފާދާ" ރިލީޒްކުރާނީ މިއަހަރުގެ މެއި 26 ވަނަ ދުވަހު ކަމަށެވެ.