ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފި އެވެ.
އެމްޑީއޭގެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ނިންމީ ކައުންސިލްގެ އަގުލަބިއްޔަތުންނެވެ.
އެމްޑީއޭ އިން ބުނީ އެމްޑީޕީއާ އެކު ކޯލިޝަނެއް ހަދައި ރައީސް ސޯލިހަށް ރިޔާސީ އިތުރު ދައުރެއް ދިނުމަށް އެމްޑީއޭ އިން ނިންމީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އަދި ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ކަމަށެވެ.
އެމްޑީޕީއާ އެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމާފައި މިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމު މުހައްމަަދު ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއްވެސް ކުރެއްވުމަށްފަހު އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު އޮތް އެމްޑީއޭގެ ކައުންސިލް ބައްދަލުވުމަށް ސިޔާމު ހުށަހެޅުއްވި ބަޔާނެއްގައިވަނީ ގައުމުގެ ހާލަތު މިވަގުތު އޮތް ގޮތުން މަސްލަހަތަށް އިސްކަންދިނުމަށްޓަކައި އޭނާ ފަހަތަށް ޖެހިވަޑައިގަތުމަށްފަހު އިންތިހާބުގައި ވާދަކުރާ ޕާޓީއަކާ އެކު ކޯލިޝަން ހެދުން ރަނގަޅު ކަމަށެވެ. ސިޔާމުގެ ހުށަހެޅުއްވުމާ އެއްގޮތަށް އެމްޑީއޭގެ ކައުންސިލުން އެ ދުވަހު ވަނީ އެ ހުށަހެޅުން ފާސްކޮށްފަ އެވެ. އޭގެ ފަހުން އެމްޑީޕީން އިއްޔެ ވަނީ އެމްޑީއޭގެ އިސްވެރިންނާ ބައްދަލުކޮށް ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ސިޔާމު ނިންމެވީ މިމަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާކުރެއްވި ފަހުންނެވެ. މިބައްދަލުވުމުގެ މައުލޫމާތު ރައީސް ސޯލިހް ވެސް އަދި ސިޔާމު ވެސް މިއަދާ ހަމައަށްވެސް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ސިޔާމު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާ އެކު ކޯލިޝަނެއް ހައްދަވައިގެން މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާމު ވަނީ ޔާމީނާ އެކު ކޯލިޝަން ހެދުމަށް ދެކޮޅު ހައްދަވާފަ އެވެ.
އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމާފައިވާއިރު އަދާލަތު ޕާޓީން ވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ނިންމާފަ އެވެ.