ބޮލީވުޑް

ފިލްމު ކުޅެން ޝައުގުވެރިވީ "ޑީޑީއެލްޖޭ" ބަލާފައި: ރަންބީރު

ރަންބީރު ކަޕޫރުގެ އާ ފިލްމު "ތޫ ޖޫޓީ މައި މައްކާރް"ގައި އޭނާ ކުޅެފައިވަނީ ރޮމެންޓިކް ހީރޯއެއްގެ ރޯލެވެ. މިފަދަ ރޯލެއް އެންމެ ފުރިހަމައަށް ކުޅެލަން އޭނާއަށް އެހީތެރިކަން ލިބުނީ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ (ޑީޑީއެލްޖޭ) ބަލާފައި އެ ފިލްމުގައި ޝާހް ރުކް ޚާން ކުޅުނު ރާޖްގެ ކެރެކްޓާ އިންނެވެ.

ނެޓްފްލިކްސް އިން ސްޓްރީމް ކުރަމުންދާ ޔާޝް ރާޖް ފިލްމްސްގެ ޑޮކިއުމެންޓް ސީރީޒް "ދަ ރޮމެންޓިކްސް"ގައި ވާހަކަ ދައްކަމުން ރަންބީރު ބުނެފައިވާ ގޮތުގައި އޭނާ 20 ވަރަކަށް ފަހަރު "ޑީޑީއެލްޖޭ" ބަލާފައި ވެއެވެ.

"ރާޖްގެ ކެރެކްޓާގައި މީހަކު ޝައުގުވެރިވާނެ ހުރިހާ ކަމެއް ހިމަނާފައިވޭ. އޭނާއަށް ނުކުރެވޭ އެއްވެސް ކަމެއް ނޯވޭ. އަހަންނަށް ހީވަނީ އަދިތުޔާ ޗޯޕްރާ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ މި ކެރެކްޓާގައި ލާނެތްކަމާއި މަޖާކަން އަދި ކެރުމާއި ހިތްވަރު ފަދަ ހުރިހާ ކަމެއް ފުރިހަމައަށް އެކުލެވޭހެން. އަހަރެން ތިއޭޓަރަށް ގޮސް ވިއްސަކަށް ފަހަރު އެ ފިލްމު ބަލާފައިވާނެ،" ރަންބީރު ބުންޏެވެ.

އެންމެ ގިނަ ދުވަހު އިންޑިއާ ސިނަމާތަކުގައި ދައްކާފައިވާ ފިލްމުގެ ރެކޯޑް ވެސް މިހާރު އޮތީ "ޑީޑީއެލްޖޭ" އަށެވެ. މިހާރު ވެސް މުމްބައިގެ މަރާތާ މަންދިރްގައި މި ފިލްމު ދައްކަމުން އެބަދެ އެވެ.

ރަންބީރުގެ "ބަޗްނާ އޭ ހަސީނޯ" އާއި "ރޮކްސްޓާ" އާއި "ޔޭ ޖަވާނީ ހޭ ދިވާނީ" އަދި "ތަމާޝާ"ގައި އޭނާ ކުޅެފައިވަނީ "ޑީޑީއެލްޖޭ"ގައި ޝާހް ރުކް ކުޅެފައިވާ ކަހަލަ ރޯލު ތަކެކެވެ. އަދި މާޗް ހައެއްގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ތޫ ޖޫޓީ މައި މައްކާރް"ގައި ވެސް އޭނާ ކުޅެފައިވަނީ ހަމަ އެފަދަ ރޯލެވެ.

ރަންބީރު ބުނި ގޮތުގައި އޭނާ ފިލްމު ކުޅުމަށް ޝައުގުވެރިކަން އުފެދުނީ އަދި ރޮމެންޓިކް ހީރޯއަކަށްވީ "ޑީޑީއެލްޖޭ"ގައި ޝާހް ރުކް ކުޅެފައިވާ ރޯލު ބަލާފަ އެވެ.