ލައިފްސްޓައިލް

ޒުވާބެއްގެ ތެރޭ ބޭބެގެ މޫނަށް ފެން ޖެހުމުން ޖަލަށްލަނީ

އެމެރިކާގެ ފްލޮރިޑާގައި ދިރިއުޅޭ އުމުރުން 64 އަހަރުގެ ފިރިހެނަކު އޭނާގެ ބޭބެގެ މޫނަށް ދެ ތަށި ފެން ޖަހައިގެން ޖަލަށް ދާން ޖެހުމުގެ ބިރު ކުރިމަތިވެއްޖެ އެވެ. އަދި މީނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެތައް ހާސް ޑޮލަރެއްގެ ޖޫރިމަނާ ވެސް ދައްކަން ޖެހޭނެ އެވެ.

މި ދެބެންގެ ޒުވާބު ހޫނުވީ ބޭބެ ރައްކާކޮށްގެން އުޅޭ "ކީ ލައިމް ޕައި"އެއް ކޮއްކޮ ކާލައިގެންނެވެ. ދެބެންގެ ޒުވާބު ހޫނުވެ ކޮއްކޮ ވަނީ ބޭބެގެ މޫނަށް ދެ ތަށި ފެން ޖަހާފަ އެވެ.

މި ދެބެންގެ ތެރެއިން ހަގު މީހާ ޑޭވިޑް ޝާމަން ޕޮވެލްސަން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ގަސްދުގައި މީހަކަށް ބޮޑު ގެއްލުމެއް ދޭން އުޅުނު މީހަކަށް ކުރާ ދައުވާ ޑޭވިޑް އަށް ވެސް ކުރަން ދަނީ ތައްޔާރުވަމުންނެވެ.

މި ދައުވާ ސާބިތުވެއްޖެނަމަ ދުވަސްވީ މި މީހާ 30 ވަރަކަށް އަހަރަށް ޖަލަށް ދާން ޖެހޭނެ އެވެ. ސަބަބަކީ ފްލޮރިޑާގެ ގާނޫނު ބުނާ ގޮތުގައި ފަސްޓް-ޑިގްރީ ފެލޮނީގެ ކުށަކީ 30 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ކުށެކެވެ. އެ މީހާ އަކީ 65 އަހަރުން މަތީގެ މީހެއްނަމަ މަދުވެގެން ތިން އަހަރަށް ޖަލަށް ލުމުގެ ހުކުމެއް އޭނާއަށް ކުރެވިދާނެ އެވެ.

ޑޭވިޑް މެންގެ ދެބެންގެ ޒުވާބު ހޫނުވެ ކޮންމެވެސް ބަޔަކު ޝަކުވާ ކޮށްގެން ފްލޮރިޑާ ފުލުހުން އެގެއަށް ދިޔައީ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. ފުލުހުން ގޮސް އެންމެ ފުރަތަމަ ހޯދީ ބޭބެ އެވެ. ބޭބެ ބުނާ ގޮތުގައި އަނިޔާ ލިބުނީ އޭނާއަށް ކަމަށް ވާތީ އެވެ.

ދެބެންގެ ޒުވާބު ފެށުނީ ބޭބެ ފަހުން ކާން ފޮރުވައިގެން ގެންގުޅުނު ލެމަން ޕައި އެއް އޭނާއަށް ނޭނގި ޑޭވިޑް ކާލައިގެންނެވެ.

ބޭބެ ބުނީ އޭނާ ގޮނޑިއެއްގައި އިށީނދެގެން އިންދާ ކޮއްކޮ ކޮންމެވެސް އެއްޗެއް ކާހެން ހީވެގެން ބަލާލިއިރު އޭނާގެ ލެމަން ޕައި ކައި ހުސްކޮށްލަނީ އެވެ. ޒުވާބު ފެށުނީ މިކަމާ އެވެ. އަދި ޒުވާބު ހޫނުވެ ބޭބެގެ މޫނަށް ކޮއްކޮ ދެ ތަށި ފެން ޖެހީ އެވެ.

ކޮއްކޮ ކަންތައް މިކުރީ އޭނާއަށް ޖިސްމާނީ އަނިޔާއެއް ދިނުމަށް ނުވަތަ މަރާލަން ކަމަށް ބޭބެ ދެކެ އެވެ.

ކޮއްކޮ ފުލުހުން ކައިރީ ބުނީ އެ ލެމަން ޕައި އައިސްއަލަމާރީގައި ބަހައްޓާފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި އެހެންވެ އޭނާ އެ ކާލީ ކަމަށެވެ. އެކަމާ ޒުވާބު ކުރަމުން ގޮސް ބޭބޭގެ މޫނަށް ފެން ޖެހީ ބޭބެގެ ރުޅިގަނޑު މައިތިރިކުރަން ކަމަށް ކޮއްކޮ ބުނެފައިވެ އެވެ.

ކޮންމެއަކަސް ދެބެންގެ މައްސަލައިގައި ގޮތެއް ނިންމާނީ ކޯޓުންނެވެ. ކޮއްކޮ ކުށްވެރިވާކަން ސާބިތުވެއްޖެނަމަ ޖޫރިމަނާ އަކާއި ޖަލު ހުކުމެއް އަންނާނެ އެވެ.