ދުނިޔެ

މިއުޅެނީ ޗައިނާގެ ޑިފެންސް މިނިސްޓަރާ ގުޅޭ ގޮތް ނުވެގެން: ލޮއިޑް އޮސްޓިން

ޗައިނާގެ ޑިފެންސް މިނިސްޓަރު ވެއި ފެން އާއެކު މަޝްވަރާ ފޯނު ކޯލެއް ނުކުރައްވާތާ ދެތިން މަސްދުވަސް ވެދާނެ ކަމަށް އެމެރިކާގެ ޑިފެންސް މިނިސްޓަރު ލޮއިޑް އޮސްޓިން ވިދާޅުވެއްޖެ އެވެ.

ލޮއިޑް އޮސްޓިން ވިދާޅުވީ މަޝްވަރާތައް މެދުކެނޑިފައި އޮތް ނަމަވެސް އެއީ ދޫކޮށްލެވެން ނެތް ފުރުސަތުތަކެއް ކަމަށެވެ.

ޗައިނާއިން ކުރިންވެސް މަޝްވަރާތައް ހަމަޖައްސާފައި އޮތް ގޮތަށް -- ތާވަލާ އެއްގޮތަށް މަޝްވަރާތައް ކުރިއަށް ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ލޮއިޑް އޮސްޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގަައި މަޝްވަރާތައް ހުއްޓިފައި އޮތީ ޗައިނާއިން ގޮތެއް ނުނިންމައިގެންނެވެ. އެމެރިކާގެ ޑިފެންސް މިނިސްޓަރާ ގުޅޭނެ ހުރިހާ ގޮތެއް ޗައިނާގެ ޑިފެންސް މިނިސްޓަރަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް އޮސްޓިން ވިދާޅުވި އެވެ.

އޮސްޓިން ވިދާޅުވި ގޮތުގައި ޗައިނާއާ އެކު މަޝްވަރާ ކުރައްވަން ހުރީ އުދާސްއަރާ ޒާތުގެ މައުލޫތަކެކެވެ. އޭގެ ތެރޭގައި ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދިނުމާއި އީރާނާ މާބޮޑަށް ގާތްވުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާއިން ރަޝިއާއަށް އަސްކަރީ ގޮތުން އެހީތެރިވުމަކީ އެޖެންޑާގައި އޮތް ކަމެއް ކަމަށް އޮސްޓިން ވިދާޅުވި އެވެ. އެ މައުލޫ އަދި އެޖެންޑާއިން ނަގާފައި ނުވާ ކަމަށާއި މަޝްވަރާކޮށްގެން ގޮތެއް ނިންމޭތޯ ބައްލަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އަސްކަރީ ގޮތުން ރަޝިއާއަށް އެހީތެރިވުމަކީ ޗައިނާއަށް ހެދޭނެ ގޯހެއް ކަމަށްވެސް އޮސްޓިން ވިދާޅުވި އެވެ. އެމެރިކާ އާއި ޔޫރަޕާ އެކު ވަރަށް ގާތް ގުޅުމެއް އޮތުމަށް ޗައިނާ އެދޭނެކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.