ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރިންވެސް އީރާނާއި ރަޝިއާ އަކީ ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. އީރާނާއި ރަޝިއާ އަކީ ދުނިޔޭގެ ސިޔާސަތުގައި ހުޅަނގަށް ބޯނުލެނބުމުގެ ވިސްނުން ގެންގުޅޭ ދެ ގައުމުވެސް މެއެވެ. މަޝްވަރާތަކުގައި އެއް މިސްރާބަކަށް ދަތުރުކުރަން މި ދެ ގައުމަށް ފަސޭހަވާ ސަބަބަކީ ވެސް މިއީ އެވެ.
އީރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ނަސީރު ކަނާނީ ވިދާޅުވި ގޮތުގައި ރަޝިއާ އާއެކު އީރާން ދަމަހައްޓާ ގުޅުމުގެ ސަބަބުން އިތުރު އެއްވެސް ބަޔަކަށް ގެއްލުމެއް ނުވާނެ އެވެ. އެއީ އެހެން ބަޔަކު ވިސްނަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާއަށް އަސްކަރީ ގޮތުން އީރާނުން އެއްބާރުލުން ދިނުމަކީ އެ ދެމެދަށް ބަޔަކު ވަދެ ފާރަލާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އަސްކަރީ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުމަކީ ޔުކްރޭން ހަނގުރާމައާ ގުޅިގެން އުފަންވި ގުޅުމެއް ނޫން ކަމަށެވެ.
އަސްކަރީ ގޮތުން ގުޅުން ދެމެހެއްޓުމަށް އދ. އިން ގައުމުތަކަށް ދޫކޮށްފައި އޮންނަ ހުއްދައިގެ ހޫދޫދަށް ބެލި ނަމަވެސް، ރަޝިއާ އާއި އީރާން މުއާމަލާތްކުރަނީ އެ އޮނިގަނޑުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިއާ އާއި އީރާންއާ ދެމެދު އޮތް ގުޅުން ހަޖަމު ނުކުރެވިގެން އުޅެނީ ހުޅަނގަށް އެކަނި ކަމަށްވެސް ކަނާނީ ވިދާޅުވި އެވެ.
ނަސީރު ކަނާނީ ވިދާޅުވި ގޮތުގައި ގުދޯގުދޯ ގޮވުމުގެ ބަދަލުގައި ލޯގަނޑު ދޮށަށް ޖެހިލާފާއި ގުދު އޮތްތޯ ބަލާލުން ރަނގަޅުވާނެ ކަމަށެވެ. އެ ނޫން ގޮތެއްގައި ހުޅަގަށް އަމިއްލަ ސިފަ ފެންނާނެ ގޮތެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވީ ރަޝިއާ އާއި އީރާނާ ބެހޭ ގޮތުން ހުޅަނގުން ހަޅޭއްލަވަނީ އެ މީހުން ޖަހާހާ ބެރަަކަށް ނުނަށާތީ ކަމަށެވެ.
އީރާނާއި ރަޝިއާ އަކީ މިނިވަން ދައުލަތްތެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. ބޮލަށް އެންމެ ފަސޭހަ ގޮތަކީ ގައުމުތަކުގެ މިނިވަންކަމަށް އިހުތިރާމްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.