ފާރިސް މައުމޫން

ޕާޓީތަކުން ކުރިއެރުން ހޯދަނީ ފިތުނަ އުފައްދައިގެން: ފާރިސް

އެހެން ސިޔާސީ ޕާޓީތަކުން ކުރިއެރުން ހޯދަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި، އެއްބަޔަކު އަނެއް ބަޔަކަށް ޖައްސައިގެން ކަމަށް މޯލްޑިވްސް ރިފޯމް މޯވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ޒުވާނުންނާއެކު ރޭ ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ފާރިސް މިފަދައިން ވިދާޅުވާ ވީޑިއޯއެއްދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

މި ވީޑިއޯގައި ފާރިސް ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައިގެން ކުރިއެރުން ހޯދި ނަމަވެސް، އެމްއާރްއެމްއަކީ އެފަދައިން އަމަލުކުރާނެ ޕާޓީއެއް ނޫން ކަމަށެވެ.

މިގޮތުން ބައެއް ސިޔާސީ ޕާޓީތަކުން އެ ޕާޓީއެއްގެ މެމްބަރުންނަށް ވަޒީފާ ދިނުމާއި އެމީހުންގެ އެޖެންޑާގެ ވާހަކަ ދައްކާ ކަމަށާއި، އެ ވާހަކަތައް ހުންނަގޮތުން މި ގައުމަކީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ގައުމެއްހެން ހީވާ ކަމަށް ފާރިސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން އަދިވެސް ސިޔާސީ ޕާޓީތަކަށް ސޮއި ނުކުރާމަށާއި އެ ރައްޔިތުންގެ ހައްގުތައް ކޮބައިތޯ ފާރިސް ސުވާލުކުރެއްވި އެވެ.

"ދިވެހިރާއްޖޭގެ އަދިވެސް ވޯޓް ދެވޭ އަދަދުގެ ދެބައިކުޅަ އެއްބަޔާ ގާތަށް އަދިވެސް ތިބީ ސިޔާސީ ޕާޓީތަކަށް ސޮއި ނުކޮށް. އެއީ ސިޔާސީ ޕާޓީތަކުގައި އުޅެން ބޭނުން ނުވާތީ ސިޔާސީ ޕާޓީތައް އަމަލު ކުރާ ގޮތަށް ނޫނެކޭ ބުނާތީ. ޕާޓީތަކަށް ސޮއި ނުކޮށް ތިބި މީހުންގެ ހައްގު ކޮބައިތޯ އާއި އެމީހުންގެ މަސްލަހަތު ނަގަހައްޓާ ބަޔަކީ ކޮބައިތޯ؟ ރައްޔިތުންގެ ތެރެއިން ސިޔާސީ ހަޑި މުޑުދާރު ކަންކަންތަކުގެ ތެރެއަށް ވަންނަން ބޭނުން ނުވާ މީހާގެ ހައްގުތައް ކޮބައިތޯ" ފާރިސް ސުވާލު އުފެއްދެވި އެވެ.

ފާރިސް އިތުރަށް ވިދާޅުވީ ވަޒީފާ ދޭނީ އަދި އަޑުއަހާނީ ވެސް ވަކި ޕާޓީއަކަށް ސޮއިކުރުމުންނޭ ބުނެގެން އުޅެންވެއްޖެނަމަ، ގައުމު ތަރައްގީ ނުކުރެވޭނެ ކަމަށެވެ. އަދި އެމްއާރްއެމުން އެފަދައިން އަމަލު ނުކުރާނެ ކަމަށާއި، ޕާޓީގެ މެމްބަރުންނާއި އެއްވެސް ޕާޓީއަކަށް ސޮއިނުކުރާ މީހުން ވެސް އެ ޕާޓީން ބަލައިގަންނާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

"އެހެން ޕާޓީތަކުން އެކުރާކަމެއް ސާފުކޮށް ދަންނަވާފާނަން، ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައިގެން އެއްބަޔަކު އަނެއްބަޔަކާ ޖައްސައިގެން ކުރިއެރުން ހޯދުން. އެކަން ކުރާކަށް ނެތިން އަޅުގަނޑުމެން ޕާޓީއަކުންނެއް،" ފާރިސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އެމްއާރްއެމުން ބޭނުންވަނީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއިއެކު ކަންތައް ކޮށްދޭނެ ސިޔާސީ ޕާޓީއަކަށް ވާން ކަމަށާއި، އެފަދަ ޕާޓީއެއް މިވަގުތު ރާއްޖޭގައި ނެތްކަމަށްވެސް ފާރިސް ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބަށް ވާދަކުރުމާ މެދު އެމްއާރްއެމުން ވަކި ގޮތެއް ނުނިންމި ނަމަވެސް، ފާރިސްއަށް ތާއީދުކޮށް ސޯޝަލްމީޑިއާގައި އަންނަނީ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ.