ފ. މަގޫދޫ

ސަރުކާރުން ދިން އަނިޔާތަކަށް މަގޫދޫން ފިލްމެއް ހަދަނީ

ފ. އަތޮޅުގެ ވެރިކަން މަގޫދޫ އިން ފ. ނިލަންދޫ އަށް ބަދަލުކުރުމުގެ ތެރޭގައި ހިނގި ހާދިސާއަށް ފިލުމެއް ހަދަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު އަވަސް އަށް މިއަދު ވިދާޅުވީ އޭރު ހިނގި ހާދިސާތައް ޖީލުތަކަށް ގެނެސްދޭން ޖެހޭ ކަމަށް ކައުންސިލުން ގަބޫލުކުރާ ކަމަށެވެ.

"ކައުންސިލްގެ ނިންމުމަކީ، ސަރުކާރުން ދިން އަނިޔާ އަންނަން އޮތް ޖީލުތަކަށް ގެނެސްދިނުން،" އަބްދުﷲ ވިދާޅުވި އެވެ.

ފިލްމުގެ މަސައްކަތް ކުރުމަށް ފިލްމު އުފައްދާ ބަޔަކާ މަޝްވަރާކޮށް މަސައްކަތް ކުރިއަށްދާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

ފ. އަތޮޅުގެ ވެރިކަން މަގޫދޫ އިން ނިލަންދޫއަށް ބަދަލުކުރީ ޖެނުއަރީ 24، 1999 ގައެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި ފިލްމު އުފައްދަނީ އޯޕަން ބަޖެޓަކުންނެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަނީ ހާދިސާއަށް 25 އަހަރު ފުރުމާ ދިމާކޮށް ޖެނުއަރީ 24، 2024ގައި ކަމަށެވެ.

މަގޫދޫގައި ހުރި އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން މ. ފ. އަދި ދ. އަތޮޅުގެ ރައްޔިތުންނަށް ހިދުމަތް ދެމުންދިޔަ ފ. އަތޮޅު ހޮސްޕިޓަލްވެސް މަގޫދޫން ބަދަލުކުރިކަން އަބްދުﷲ ފާހަގަކުރެއްވި އެވެ.

"އޭގެ ސަބަބުން ވަޒީފާތައް ގެއްލި ތައުލީމު ހަލާކުވެގެންދިޔަ" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވެރިކަން ބަދަލުވެ ހިނގި ހާދިސާތަކުގައި ރަށަށް ސިފައިން އަރައި މީހުން ހައްޔަރުކޮށް ޝަރީއަތް ކުރުމަކާ ނުލާ މީހުން އަރުވާލި ކަމަށެވެ.