ރައީސް އަބްދުﷲ ޔާމީން

ހަ މަސް ތެރޭ 53 މިލިއަން ރުފިޔާ ދައްކަން ރައީސް ޔާމީނަށް އަމުރުކޮށްފި

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރުކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ދައުވާތަކުގައި ހިމެނޭ 53 މިލިއަން ރުފިޔާ ދެއްކުމަށް އަމުރު ކޮށްފައިވަނީ ކްރިމިނަލް ކޯޓުންނެވެ.

މަނީ ލޯންޑާ ކުރުމަށް ޔާމީން އަމަލުކުރި ކަމަށް ދައުލަތުން ބުނަނީ، އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު އެޗްއެސްބީސީ އަށް ޖަމާކޮށް އިތުރު ފައިސާތަކަކާއިއެކު ބީއެމްއެލްއަށް ޖަމާކުރުމަށްފަހު އަނެއްކާވެސް ފައިސާ އިތުރުކުރުމަށްފަހު އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖުމުލަ 1،295،000 ޑޮލަރު ޖަމާކޮށްގެން ކަމަށެވެ.

އިސްލާމިކް ބޭންކަށް ޖަމާކުރި 1،295،000 ޑޮލަރާއެކު ހަމަ އެ ބޭންކުގައި ހުޅުވާފައިވާ އިންވެސްޓްމެންޓް އެކައުންޓަކަށް އިތުރު ފައިސާއާއި އެކު ޖުމުލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަކަށް އިންވެސްޓްކޮށްފައިވާ ކަމަށްވެސްވެ އެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުލަތުން އެދުނީ ރައީސް ޔާމީން ލޯންޑާ ކުރި އެއް މިލިއަން ޑޮލަރާއި އެ ފައިސާއާއި އެއްކޮށްފައިވާ 2،413،230 ޑޮލަރު ހޯދައިދިނުމަށެވެ. އަދި މި ފައިސާތައް އިންވެސްޓްކޮށްގެން ލިބުނު ފައިސާ ހޯދަންވެސް ވަނީ އެދިފަ އެވެ.

މި ފައިސާ ދައްކަން ޔާމީންގެ މައްޗަށް އަމުރުކުރީ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާތީ އެކަމަށް ރިއާޔަތްކޮށެވެ.

އާރަށުގެ މައްސަލަ ޝަރީއަތަށް ހުށަހެޅީ ނޮވެމްބަރު 24، 2021 ގައެވެ. މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލެވެ.

މައްސަލައިގެ އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ނިންމާލައި ހުލާސާ ބަޔާން އިއްވީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހު އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.