ފިނިޕޭޖް

އާ "ލޯޑް އޮފް ދަ ރިންގްސް" ފިލްމް ހަދަނީ

"ލޯޑް އޮފް ދަ ރިންގްސް"ގެ ޓްރިލޮޖީ ނިންމާލިތާ 20 އަހަރު ފަހުން، ނިއު ލައިން ސިނަމާ އާއި ވޯނާ ބްރަދާސް އިން "ލޯޑް އޮފް ދަ ރިންގްސް"ގެ އާ ލައިވް-އެކްޝަން ފިލްމްތަކެއް ހަދަން ނިންމައިފި އެވެ.

މި ފިލްމުތަކަކީ "ލޯޑް އޮފް ދަ ރިންގްސް" އާއި "ދަ ހޮބިޓް" ވާހަކަ ލިޔުނު ޖޭއާރްއާރް ޓޮލްކޭން ވާހަކަތަކަށް ހަދާ ފިލްމެކެވެ.

ނިއު ލައިން ސިނަމާގެ ދެ ސީއީއޯ މައިކަލް ޑި ލޫކާ އާއި ޕެމެލާ އަބްޑީ ބުނީ މީގެ 20 އަހަރު ކުރިން، ނިއު ލައިން ސިނަމާއިން އިތުބާރާއި އުއްމީދުތަކާއި ރިސްކާއެކު ޕީޓާ ޖެކްސަން އާއެކު "ލޯޑް އޮފް ދަ ރިންގްސް"ގެ އާދަޔާ ހިލާފު އަދި މޮޅު ދުނިޔޭގެ ވާހަކަތަކާއި ކެރެކްޓާތައް ބޮޑު ސްކްރީނަށް ގެނެސްދިނުމުގައި ބައިވެރިވި ކަމަށެވެ. އަދި އެކަން ކުރެވުނީ އެކި ޖީލުތަކުގެ ފޭނުންނަށް މަގުބޫލުވި ފާހަގަކޮށްލެވޭ ފަދަ ފިލްމު ސީރީޒަކަށް އެވެގެން ދިއުމުން ކަމުގައިވެސް ބުންޏެވެ.

އެ ސްޓޫޑިއޯ އިން "ލޯޑް އޮފް ދަ ރިންގްސް"ގެ ތިން ފިލްމާއި "ދަ ހޮބިޓް"ގެ ތިން ފިލްމު ނެރެފައިވާއިރު ޖޭއާރްއާރް ޓޮލްކޭން ހިޔާލުކޮށްފައިވާ މިޑްލް އާތްގެ ބޮޑު، އަޑިނޭގޭ ކާއިނާތުގެ ބޮޑުބައި އަދިވެސް އޮތީ ނުހޯދި ކަމަށް ޑި ލޫކާ އާއި އަބްޑީ ބުންޏެވެ. އަދި އެކަން ކުރުމުގެ ގޮތުން މިޑްލް-އާތު އެންޓަޕްރައިސަސް އާއި އެމްބްރޭސާއާ ގުޅިގެން ފޭނުންނަށް މިޑްލް އާތުގެ ތެރެއަށް ބޮޑަށް ވަންނަން ދައުވަތު ދިނުމަކީ ލިބޭ ޝަރަފެއް ކަމަށްވެސް މި ދެ ސީއީއޯ ބުންޏެވެ.

ޕީޓާ ޖެކްސަން ހަދާ އަދި ނެރުނު "ލޯޑް އޮފް ދަ ރިންގްސް" ޓްރިލޮޖީ ނެރެފައިވަނީ 2001 އާއި 2003 އާ ދެމެދުގަ އެވެ.

މި ތިން ފިލްމުގެ ތެރެއިން ""ލޯޑް އޮފް ދަ ރިންގްސް: ރިޓާން އޮފް ދަ ކިންގް" ވަނީ އޭރުގެ ބޮކްސް އޮފީސް ރިކޯޑްތައް މުގުރާލާފަ އެވެ. މިގޮތުން ތިންވަނަ ފިލްމަށް 1.146 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބިފައިވާއިރު ފުރަތަމަ ފިލްމަށް 897 މިލިއަން ޑޮލަރު އަދި ދެވަނަ ފިލްމަށް 947.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި މި ތިން ފިލްމަށް ޖުމްލަކޮށް 17 އެކަޑަމީ އެވޯޑް ލިބިފައިވެ އެވެ. އޭގެ ފަހުން 2012 އާއި 2014 ގައި ތިން "ދަ ހޮބިޓް" ފިލްމް ވެސް ޕީޓާ ނެރެފައިވެ އެވެ.

މީގެ އިތުރުން ޖޭއާރްއާރް ޓޮލްކޭންގެ "ދަ ސިލްމެރިލިއަން"ގައި ހިމެނިފައިވާ މިތްސް އަދި ވާހަކަތަކަށް ބިނާކޮށް އެމެޒޯން އިން 2022 ގައި "ލޯޑް އޮފް ދަ ރިންގްސް: ރިންގްސް އޮފް ޕަވާ"ގެ ނަމުގައި ސީރީޒެއް ނެރެފައިވާއިރު، މި ސީރީޒް މިހާރު ވަނީ ދެވަނަ ސީޒަނަށް ރިނިއުކޮށްފަ އެވެ. މި ވާހަކައަކީ "ލޯޑް އޮފް ދަ ރިންގްސް" ޓްރިލޮޖީގެ މާކުރިން ހިނގި ކަންތައްތަކެކެވެ.