ދުނިޔެ

ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދޭ މައްސަލާގައި ޖަރުމަނުގައި އެއްވުންތައް ހޫނުވަނީ

ރަޝިއާ-ޔުކްރޭން ހަނގުރާމަ ދިގުދެންމުމަށް ޖަރުމަންގެ ސަރުކާރުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅުހަދައި ޝުއޫރު ފާޅުކުރުމަށް މަގުތަކަށް ނުކުންނަ މީހުންގެ އަދަދު 10،000 ފަހަނައަޅައި ހަލަބޮލިވާން ފަށައިފި އެވެ.

ޔުކްރޭން ހަނގުރާމާގައި ޖަރުމަނުގެ ސިޔާސަތު ބަދަލުކޮށް ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދޭން ފެށި ފަހުން ދޭތެރެ ދޭތެރެއިން އާންމުން މަގުތަކަށް ނުކުތް ނަމަވެސް، ޔުކްރޭން ހަނގުރާމައަށް އަހަރު ފުރުމާ ގުޅިގެން ވަނީ އެއްވުންތައް ބޯވާން ފަށާފަ އެވެ.

މައްސަލައަކަށް ވެގެން އުޅެނީ ޔުކްރޭނަށް އިތުރު ހަތިޔާރު ފޯރުކޮށްދޭން ކަމަށް ޖަރުމަނުން ވައުދުވުމާއި ރަޝިއާއަށް ދަތިކުރަން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް އެ ގައުމުގެ ސަރުކާރުން އިއުލާންކުރުމެވެ.

ޝުއޫރު ފާޅުކުރާ މީހުންގެ އެދުމަކީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމާ މެދު ސަރުކާރުން ވިސްނުމެވެ. ބާރުގަދަ ހަތިޔާރުގެ ސަބަބުން މީހުން މަރުވަމުން ދާއިރު، ސުލްހައަށް މަގުފަހިކުރުވައި ހަނގުރާމަ ހުއްޓުވުމަކީ ވެސް އެ މީހުންގެ އެދުމެކެވެ.

ހަތިޔާރުގެ ސަބަބުން ހާލަތު މިހާރަށް ވުރެ ގޯސްވެ ތިންވަނަ ބޮޑު ހަނގުރާމަ ފެށުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އެ މީހުން ބުނެ އެެވެ.

ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އެންމެ ކުރީގައި އޮތީ އެމެރިކާ އެވެ. ޖަރުމަނު އޮތީ ދެވަނައިގަ އެވެ. މިއީ ވެސް އާންމުން ނުތަނަވަސްކަން އިތުރުވެފައި އޮތް މައްސަލައެކެވެ.

ޖަރުމަނުގެ ސަރުކާރުން އާންމުންގެ ޝުއޫރު އަޑުނާހާނަމަ މަގުތަކަށް އެއްވުން އިތުރުވާނެކަމުގެ އިންޒާރުވެސް އޮތީ ދީފަ އެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި އޮތް އެއްވުންތަކުގައި ރަޝިއާއަށް ތާއީދުކުރުމުގެ ކުލަވަރު އޮތުމުން ފުލުންހުން ވަނީ މަސްލަހަތު ބެލެހެއްޓުމަށް 1،400 އޮފިސަރުން މަގުތަކަށް ނެރެފަ އެވެ.

އެއްވުންތަކުގައި އާންމު ގޮވާލުމަކީ ހަނގުރާމަ ދިގުދެންމުމުގެ ބަދަލުގައި މަޝްވަރާކުރުމެވެ. ހަތިޔާރުތައް ދޫކޮށްލައި ސުލްހައަށް ގޮވާލުމެވެ.