ފިނިޕޭޖް

އިނެސްއާ ވަކިވިތާ ފަސްމަސް ފަހުން ޕޯލް ވަރިއަށް އެދިއްޖެ

"ވެމްޕަޔާ ޑައިރީޒް"ގެ ތަރިއެއް ކަމުގައިވާ ޕޯލް ވެސްލީ އޭނާގެ އަންހެނުން އަދި ޖުވެލްރީ ޑިޒައިނާ އިނެސް ޑި ރެމޯންއާ ވަކިވިތާ ފަސްމަސް ފަހުން ކޯޓުގައި ވަރިވާން އެދިއްޖެ އެވެ.

ޕީޕަލް ސައިޓުން ރިޕޯޓްކުރާ ގޮތުގައި މި ދެމަފިރިންގެ ވަރީގެ ސަބަބު ކަމުގައި ލިޔެފައިވަނީ ސުލްހަ ނުކުރެވޭ ފަދަ ތަފާތުތަކެއް ހުރުމެވެ.

އުމުރުން 40 އަހަރުގެ ޕޯލް 32 އަހަރުގެ އިނެސްއާ ކައިވެނި ކުރީ 2019 ގައެވެ.

ދެމީހުން ވަކިވާން އެއްބަސްވެ، އެކަން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. މި ދެމަފިރިންނަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.

މި ދެމަފިރިން ވަރިވާ ދުވަސް އަދި އެނގިފައިނުވާއިރު ދެމީހުންގެ މުދާ ބަހާނެގޮތް ނިންމާނީ ކޯޓުގަ އެވެ. އަދި އިނެސްގެ ފަރާތުން އެއްވެސް ހަރަަދަކަށް އެދިފައެއްވެސް ނުވެ އެވެ.

ޕޯލް އާއި އިނެސް ވަކިވިކަމަށް އިއުލާންކުރިތާ ދެމަހެއްގެ ތެރޭގައި އާންމުވެފައިވާ ހަބަރަކީ އިނެސް ބްރެޑް ޕިޓްއާ އެކު ގިނަ ވަގުތުތަކެއް ހޭދަކޮށް، ޑޭޓްކުރާ ވާހަކަ އެވެ.

މި ދެ ލޯބިވެރިން އެކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް ޑިސެމްބަރު މަހު ރައްޓެހިންނާއެކު ބްރެޑްގެ 59 ވަނަ އުފަންދުވަސް ފާހަގަކުރި ކެއުމެއްގައި އާއި އާއަހަރުގައި އަދި ޔޫ2ގެ ކޮންސަޓެއްގައިވެސް އިނެސް އާއި ބްރެޑް އަތުގުޅާލައިގެން ތިބިކަން ވަނީ ފާހަގަކުރެވިފަ އެވެ.