ކުޅިވަރު

މެލޭޝިއާ ބަލިކޮށް އަންހެން ވޮލީ ޓީމު ފައިނަލަށް

ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ޕްލޭއޮފް މެޗުގައި މެލޭޝިއާ 3-2 އިން ބަލިކޮށް ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމް ފައިނަލަށް ދަތުރުކޮށްފި އެވެ.

ފައިނަލުގައި ރާއްޖެ ނުކުންނާނީ ލީގު ބުރުގެ އެއްވަނަ ހޯދި ސިންގަޕޫރާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު އެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު ސެމީ ފައިނަލުގައި ރާއްޖޭގެ ޓީމަށް ތަރުހީބު ދިނުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ވަދެފަ އެވެ. ލީގު ބުރުގައި މި ދެޓީމުގެ ކުރިމަތިލުން 2-3 އިން ކާމިޔާބުކުރީ މެލޭޝިއާ އެވެ.

މެޗުގެ ފުރަތަމަ ސެޓު މޮޅަށް ކުޅެ ކާމިޔާބުކުރީ ރާއްޖެ އިންނެވެ. މި ސެޓުގައި ރާއްޖޭ ލީޑުގައި އޮތްއިރު ފަހުކޮޅު މެލޭޝިއާ އިން ރާއްޖެ އަށް ޕްރެޝަރުކުރި އެވެ. އެކަމަކު ސެޓު ނިންމާލަން ލިބުނު ފުރުސަތުގެ ބޭނުންހިފައި 25-23 އިން މި ސެޓު ރާއްޖެ އިން ކާމިޔާބުކުރި އެވެ.

ފުރަތަމަ ސެޓުގައި ފެނުނު ރޫހު ދެވަނަ ސެޓުގައި ރާއްޖޭގެ ޓީމުން ނުފެނުނެވެ. ހާއްސަކޮށް ސެޓުގެ ކުރީކޮޅު ގިނަ ޕޮއިންޓްތަކެއް ގެއްލުމުން މެލޭޝިއާ އިން ފަރަގު ބޮޑުކުރި އެވެ. އެހެންވެ ސެޓު އަނބުރާލަށް ޓީމަށް އުނދަގޫވި އެވެ. މި ސެޓުގެ ފަހުކޮޅު ރާއްޖެ އިން ކޮންމެވެސް ވަރަކަށް ޕޮއިންޓް ހޯދި އެވެ. އެކަމަކު މެލޭޝިއާ އިން ވަނީ 17-25 އިން މެޗު ކާމިޔާބުކޮށްފަ އެވެ.

ތިންވަނަ ސެޓު ފަށައިގެން ކުރީކޮޅު މެލޭޝިއާ އިން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގި އެވެ. އެކަމަކު ރާއްޖެ ވަނީ ފަހަތުން އަރައި ހިތްވަރުކޮށް 16 ވަނަ ޕޮއިންޓާ ހަމައިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭގެފަހުން ލީޑުގައި އޮވެ ރާއްޖެ އިން ސެޓު ކާމިޔާބުކުރި އެވެ. މި ސެޓުގެ ފަހު ތިން ޕޮއިންޓުގައި މެލޭޝިއާ އިން ރާއްޖެ އަށް ޕްރެޝަރު ކުރުމުން ރާއްޖެ އިން ވަނީ ޓައިމްއައުޓެއް ނަގާފަ އެވެ. ޓައިމް އައުޓަށް ފަހު ރާއްޖެ އިން ވަނީ ކުޅުން ރަނގަޅުކޮށް 25-23 އިން މޮޅުވެފަ އެވެ.

ހަތަރު ވަނަ ސެޓުގެ ކުރީކޮޅު ރާއްޖެ އިން ލީޑުގައި އޮތް ނަމަވެސް ފަހަތުން އަރައި މެލޭޝިއާ އިން ވަނީ ކުޅުން ރަނގަޅުކޮށް ލީޑު ނަގައިފަ އެވެ. މި ސެޓުގެ ފަހުކޮޅު ރާއްޖޭގެ ޓީމަށް ބައެއް ގޯސްތައް ހެދުމާ އެކު ފަހަތުން އަރައި ހަމަހަމަކުރަން އުނދަގޫވި އެވެ. މި ސެޓު މެލޭޝިއާ އިން ގެންދިޔައީ 21-25 އިންނެވެ.

2-2 އިން ދެޓީމު އެއްވަރުވުމުން ކުޅުނު ފަސް ވަނަ ސެޓު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މި ސެޓުގައި 7-5 އިން މެލޭޝިއާ ކުރީގައި އޮއްވައި ހިތްވަރާ އެކު ކުޅެ ރާއްޖެ އިން ވަނީ ނަތީޖާ އަނބުރާލާފަ އެވެ. ރާއްޖެ އިން ވަނީ ލީޑު ނެގުމަށް 7-10 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ.

ސަޕޯޓަރުންގެ ޖޯޝާއި ހިތްވަރާ އެކު މި ސެޓުގެ ފަހުކޮޅު ރާއްޖެ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ ފޯރީގައި ކުޅެގެން ގޮސް 09-15 އިން މޮޅުވެ ފައިނަލުގެ ޖާގަ ކަށަވަރުކުރި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އާއިޝަތު މާޖިދާ އެވެ.