ލައިފްސްޓައިލް

އެޗްއައިވީ ޖެހުނު ތިން ވަނަ މީހަކު މުޅިން ފަސޭހަވެއްޖެ

"ޑުސެލްޑޯފް ޕޭޝަންޓް"ގެ ނަމުން ނަން ދީފައިވާ 53 އަހަރުގެ މީހަކު އެޗްއައިވީ އިން މުޅިން ފަސޭހަ ވެއްޖެ އެވެ. މިއީ ސްޓެމް ސެލް ޓްރާންސްޕްލާންޓޭޝަން ހަދައިގެން މި ބަލިން ފަސޭހަ ކުރެވުނު ތިން ވަނަ މީހާ އެވެ.

މީގެ ކުރިން ބަލި ފަސޭހަ ވެފައިވަނީ "ބާލިން ޕޭޝަންޓް"ގެ ނަމުން މުޚާތަބު ކުރާ މީހަކާއި "ލަންޑަން ޕޭޝަންޓް"ގެ ނަމުން މުޚާތަބުކުރާ މީހެކެވެ. މި އެންމެންގެ ވެސް ޓްރާންޕްލާންޓޭޝަން ހަދާފައިވަނީ އެޗްއައިވީ ޖެހުމާ ގުޅިގެން ލެޔަށް ޖެހިފައިވާ ބަލި ރަނގަޅު ކުރުމަށެވެ.

"ޑުސެލްޑޯފް ޕޭޝަންޓް"ގެ ސްޓެމް ސެލް ޓްރާންޕްލާންޓް ހެދީ 2013 ގައި ލޭގެ ކެންސަރާއި އެޗްއައިވީ-1 ހުރެގެންނެވެ. އަދި އޭގެ ފަހުން ފާއިތުވީ 10 ވަރަކަށް އަހަރު ތެރޭ އޭނާގެ ހަށިގަނޑުން ކެންސަރާއެކު އެޗްއައިވީ ވައިރަސް ވެސް ވަނީ ނެތިގެން ގޮއްސަ އެވެ. އަދި މި މީހާ އެއްވެސް އެންޓި-ރެޓްރޯވައިރަލް ބޭހެއް ބޭނުން ނުކުރާތާ މިހާރު ހަތަރު އަހަރު ވެއްޖެ އެވެ.

"އަހަރެން އަދިވެސް ހަނދާން އެބަހުރި އަހަރެންގެ ފެމެލީ ޑޮކްޓަރު ބުނި ވާހަކައެއް. އަހަރެންނަށް އެޗްއައިވީ އާއި ކެންސަރު ޖެހިފައިވާކަން އެނގުމުން ޑޮކްޓަރު ބުނި މި ބަލިތައް އެހާ ގޯސް އެއްޗެއްގެ ގޮތުގައި ނުނަގާށޭ. އެޗްއައިވީ ފަސޭހަ ކުރެވޭނޭ. އަހަރެމެން އެންމެން ގުޅިގެން މި ތަޖުރިބާ ކުރާނިއްޔޭ. ނަމަވެސް އޭރު އަހަރެން އެ ވާހަކަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން،" ޑުސެލްޑޯފް ޕޭޝަންޓް ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ މިހާރުގެ ހުރިހާވެސް އަޒުމަކީ ސައިންސަށް އޭނާގެ ހަށިގަނޑުން ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދިނުމެވެ.

"އަހަރެން އަމިއްލަ ދިރިއުޅުމެއް ބިނާކުރުމަށް ވުރެ ސައިންސަށް ކަމެއް ކޮށްދެވޭތޯ ބަލާނީ. އަހަރެންގެ ހަށިގަނޑުގެ އެހީގައި އެހެން މީހުންނަށް ފަރުވާއެއް ހޯދޭނެ ގޮތެއް އޮތްތޯ ބަލާނީ،" ޑުސެލްޑޯފް ޕޭޝަންޓް ބުނެފައި ވެއެވެ.