އެޗްއައިވީ އޭޑްސް

އެއިޑްސް ބަލިން ދެވަނަ މީހަކު ގަދަވެއްޖެ

އެޗްއައިވީ އިންފެކްޝަން ހުރި އާޖެންޓީނާ އަންހެނަކު ފަރުވާ ކުރުމަކާ ނުލައި، ގުދުރަތީ ގޮތުން އެ ބަލިން މުޅިން ފަސޭހަވެއްޖެ ކަމަށް ސައިންސްވެރިން ބުނެފި އެވެ. މިއީ ދުނިޔޭގައި މިވަގުތު އެޗްއައިވީ ޖެހިފައި ތިބި 38 މިލިއަން މީހުންގެ ތެރެއިން މިގޮތަށް ފަސޭހަވި ކަމަށް ފާހަގަ ކުރެވިފައިވާ ދެވަނަ މީހާ އެވެ.

މި މީހާ ރަނގަޅުވިކަން ޔަގީން ވުމުން އެޗްއައިވީ ބަލި ފަސޭހަ ކުރެވިދާނެ ރަނގަޅު ގޮތެއް ވަރަށް އަވަހަށް ފެނިދާނެ ކަމުގެ އުންމީދު އާ ވެއްޖެ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

އިނގިރޭސި ވިލާތުގެ ނޫހަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހާވާޑް ޔުނިވަސިޓީގެ ސައިންސްވެރިންގެ މި ފަހަރު އަލަށް ހޯދި ހޯދުންތައް އިއުލާން ކޮށްފައި ވަނީ ދާދި ފަހުން ބޭއްވި އެޗްއައިވީ ތަޖުރިބާކާރުންގެ ވަރަށް ބޮޑު ބައްދަލުވުމެއްގަ އެވެ.

މިފަހަރު އެޗްއައިވީން މުޅިން ރަނގަޅުވި އަންހެންމީހާއަށް ސައިންސްވެރިން ކިޔަނީ "އެސްޕަރެންޒާ ޕޭޝަންޓް" އެވެ.

އެޗްއައިވީ ޖައްސާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ހަށިގަނޑުން މުޅިން ފިލައިގެން ދިޔަ ކަމަށް ރެކޯޑް ކުރެވިފައިވާ ދެވަނަ މީހާ އަކީ މިމީހާ އެވެ. ފުރަތަމަ މީހަކީ ލޮރީން ވިލެންބާގް، 67، އެވެ. އެއީ އެމެރިކާގެ ސެން ފްރެންސިސްކޯގެ ރައްޔިތެކެވެ. އޭނާގެ ހަށިގަނޑުން ވައިރަސް މުޅިން ނެތިގެން ގޮސްފައިވާކަން ޔަގީން ކުރެވުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

ލޮރީން އަކީ އެލީޓް ކޮންޓްރޯލާޒް ގްރޫޕްގެ ބައިވެރިއެކެވެ. މި ގްރޫޕްގައި ހިމެނޭ މީހުންގެ ހަށިގަނޑުގައި އެޗްއައިވީ ހުންނަނީ ތަޅުލެވިފަ އެވެ. މާނައަކީ އިތުރަށް އާ ވައިރަސް މި މީހުންގެ ހަށިގަނޑަކަށް ނުއުފެދެ އެވެ. މިއީ އެއްވެސް ފަރުވާއަކުން މި މީހުންގެ ހަށިގަނޑަށް ދިމާވާ ކަމެއް ނޫނެވެ. ގުދުރަތީ ގޮތުން ވާ ކަމެކެވެ.

"މިގޮތަށް ގުދުރަތީ ގޮތުން ވައިރަސް އިތުރަށް އުފެދުމުގެ ގާބިލްކަން ކެނޑިގެން އެންމެ މީހަކު ފަސޭހަވިކަން ހޯދުނުކަން އެއީ ރަނގަޅު ކަމެއް. ނަމަވެސް ދެ ވަނަ މީހަކުވެސް މިގޮތަށް ރަނގަޅުވެއްޖެކަން އެނގުމަކީ ހީކުރާ ވަރަށް ވުރެ މާ އުންމީދީ ކަމެއް،" އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އައިރިސްގެ އެޗްއައިވީ ރިސާޗާ އަދި މިފަހަރު މުޅިން ބަލިން ފަސޭހަވި "އެސްޕަރަންޒާ ޕޭޝަންޓް" އަށް ފަރުވާ ދިން ޑޮކްޓަރު ނަޓާލިއާ ލައުފަރު 'ދަ ޓައިމްސް' އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭސް ފަރުވާ އާ ނުލާ މި މީހާގެ ހަށިގަނޑުން އެޗްއައިވީ ވައިރަސް ނެތިގެން ދިޔަ ގޮތަށް މި ބަލިން ފަސޭހަ ވެފައިވާ އިތުރު ބަޔަކު ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިއީ އެޗްއައިވީ މުޅިން ފަސޭހަކުރުމަށް ދުނިޔޭގައި ކުރަމުންދާ ރިސާޗްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިފަހަރުބަލި ރަނގަޅުވީ މީހާގެ އެންމެ ފަހުގެ ޓެސްޓުތަކުގެ ނަތީޖާއަކީ އޭނާ ފަދަ އެޗްއައިވީ ރިސާޗްގައި މަސައްކަތްކުރާ ސައިންސްވެރިންނަށް ލިބުނު ބޮޑު ހައިރާންކަމެއް ކަމަށް ޑރ. ނަޓާލިއާ ވިދާޅުވި އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި "އެސްޕަރެންޒާ ޕޭޝަންޓް" އާއި ލޮރީން ވިލެންބާގް އަކީ އެލީޓް ކޮންޓްރޯލާޒްގެ ގޮތުގައި ސައިންސްވެރިން ބަލާ ގްރޫޕެއްގައި ހިމެނޭ މަދު މީހުންގެ ތެރެއިން ބައެކެވެ. މި ގްރޫޕްގައި ހިމެނޭ މީހުން އެޗްއައިވީއަށް ފަރުވާ ކުރުމަށް އާއްމުކޮށް ދޭ އެންޓިރެޓްރޯވައިރަލް ތެރަޕީއެއް ނުނަގަ އެވެ. އަދި މި މީހުންގެ ލެއިން ވެސް އެޗްއައިވީ ވައިރަސްގެ އެއްވެސް ނިޝާނެއް ނުދައްކާނެ އެވެ.

އެޗްއައިވީ ވައިރަސް ހަށީގަނޑުގައި ހުރި މީހުންނަށް އެންޓިރެޓްރޯވައިރަލް ތެރަޕީ ދިނުމުން ވައިރަސް އިތުރުވުން ވަކި ވަރަކަށް ހުއްޓުވެ އެވެ. ނަމަވެސް ހިއުމަން ސެލްސްގައިވާ ކްރޮމޮޒޯމްސް އަށް މި ވައިރަސްތަކުން ފޮނުވާލާ ޖެނެޓިކް މެޓީރިއަލްތަކެއް ވައްދާލުމުގެ ސަބަބުން އެ ވައިރަސްތައް ހަށިގަނޑުން މުޅިން ނައްތާލަން އުނދަގޫވަނީ އެވެ. އެހެންވެ މި ތެރަޕީ ހުއްޓާލައިފިނަމަ އަނެއްކާވެސް އާ ވައިރަސްތައް އުފެދި އިތުރުވާ ގޮތް މެދުވެރިވެ އެވެ.

ސައިންސްވެރިން ބުނަނީ މިފަހަރު އެޗްއައިވީން މުޅީން ފަސޭހަވި އާޖެންޓީނާ މީހާގެ ބަލި ފަސޭހަވީ ގޮތް ދިރާސާކޮށްގެން އެ ނޫން މީހުންގެ ހަށިގަނޑުން ވައިރަސް މުޅިން ނައްތާލަން ރަނގަޅު ފަރުވާއެއް ހޯދިދާނެކަމުގެ އުންމީދު އާވެއްޖެ ކަމަށެވެ.

މިފަހަރުގެ ކޮންފަރެންސަށް ސައިންސްވެރިން ހުށަހެޅި މައުލޫމާތުތަކުން އެޗްއައިވީ އަށް ރަނގަޅު ފަރުވާއެއް ކައިރި މުސްތަގްބަލެއްގައި ހޯދިދާނެ ކަމުގެ ކޮޅުމަތީ ވަނީ ފެނިފަ އެވެ.