އެޗްއައިވީ ޖެހުމުން ސަލާމަތްކޮށް ދިނުމަށް ސައިންސްވެރިން ތައްޔާރުކުރި ވެކްސިން ރަނގަޅަށް މަސައްކަތް ނުކުރާކަން ޔަގީންވުމުން ސައިންސްވެރިންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިއްޖެ އެވެ. ސައުތު އެފްރިކާގައި ކުރިޔަށް ގެންދިޔަ މި ވެކްސިންގެ ޓްރަޔަލް މިހާރު ވަނީ ހުއްޓާލާފަ އެވެ. ޓްރަޔަލް ހުއްޓާލީ އަޖުމަބެލުމުގެ ގޮތުން ދިން ވެކްސިން އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާތީ ކަމަށް ފެޑެރަލް ހެލްތު އޮފިސަރުން މިދިޔަ ހޯމަ ދުވަހު ވަނީ އިއުލާން ކޮށްފަ އެވެ.
މި ޓްރަޔަލް ފަށާފައިވަނީ 2016 ގައެވެ. މިއީ ތައިލެންޑްގައި ކުރިޔަށް ގެންދިޔަ ޓްރަޔަލް 2009 ގައި ނިންމާލުމަށްފަހު އެއާ ގުޅުވައިގެން ފެށި ޓްރަޔަލް އެކެވެ.
އެ ވެކްސިނުން އެއިޑްސް އިންފެކްޝަނަށް ލިބުނީ ވަރަށް ކުޑަ މިންވަރެއްގެ ރައްކާތެރި ކަމެކެވެ. މި ރައްކާތެރިކަމުގެ މިންވަރާ މެދު ސައިންސްވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވީ ނަމަވެސް 30 ޕަސެންޓްވަރު ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ. މި ވަރަށް ވެސް މަސައްކަތްކުރި ހަމައެކަނި ވެކްސިނަކީ ވެސް އެއީ އެވެ.
"މި ވެކްސިން މަސައްކަތްކުރާނެ ކަމަށް އަހަރެމެން އުންމީދު ކުރިން. ނަމަވެސް މަސައްކަތް ނުކުރީތީ ވަރަށް ހިތާމަ ކުރަން،" މި ޓްރަޔަލް ކުރިޔަށް ގެންދިޔަ ނެޝަނަލް އިންސްޓިޓިއުޓް ފޯ އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑައިރެކްޓަރު ޑރ. އެންތަނީ އެސް. ފައުސީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޗްއައިވީ އަށް އެކަށީގެންވާ ރަނގަޅު ވެކްސިނެއް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިޔަށްދާ ކަމަށެވެ. ސަބަބަކީ އެއިޑްސް ޖެހުމަށް މެދުވެރިވާ އެޗްއައިވީ ވައިރަސް އަށް ވެކްސިން އެއް ހޯދުމުގެ މުހިއްމުކަން ބޮޑުވެފައި ވާތީ އެވެ.
މި ނުރައްކާތެރިބަލި ފެށުނުތާ 40 ވަރަކަށް އަހަރުވެފައިވާއިރު ދުނިޔޭގެ 1.7 މިލިއަން މީހުންނަށް ކޮންމެ އަހަރަކުވެސް މި ބަލި އަލަށް ޖެހެ އެވެ. މީގެ ތެރެއިން ގިނަ މީހުން ތިބީ އެފްރިކާގަ އެވެ. ޚާއްސަކޮށް ސަދަން އެފްރިކާގައި ކަމަށް ޔުނައިޓެޑް ނޭޝަންގެ އެއިޑްސް ފައިޓިން އެޖެންސީން ބުނެފައި ވެއެވެ.
މިފަހަރު ނާކާމިޔާބުވި ޓްރަޔަލް އެޗްވީޓީއެން 702 އަށް ވަނަމަކަށް ކިޔަނީ އުހަމްބޯ އެވެ. ޒޫލޫ ބަހުން އުހަމްބޯގެ މާނައަކީ "ޖާނީ" ނުވަތަ ދަތުރެވެ. މި ޓްރަޔަލްގައި ސައުތު އެފްރިކާގެ ޒުވާނުންގެ ތެރެއިން 5،407 އަންހެނުންނާއި ފިރިހެނުން ބައިވެރިކޮށްފައި ވެއެވެ.
ރައްކާތެރިކަން މޮނިޓާކުރަން ޕެނަލްއަކުން މިދިޔަ މަހު ވަނީ މި މީހުންގެ ނަތީޖާތައް ބަލާފަ އެވެ. މި ޓީމަށް ހޯދުނު މައުލޫމާތުން އެނގުނު ގޮތުގައި ޓްރަޔަލްގައި ބައިވެރިކޮށްފައިވާ މީހުންގެ ތެރެއިން ޕްލެސީބޯ ނުވަތަ އަސްލު ބޭސް ނޫން އެއްޗެއް ދިން މީހުންގެ ތެރެއިން 123 މީހަކަށް އެޗްއައިވީ ޖެހިފައި ވެއެވެ. އަދި ވެކްސިން ދިން މީހުންގެ ތެރެއިން ވެސް 129 މީހަކަށް އެޗްއައިވީ ޖެހިފައި ވެއެވެ.
މި ވެކްސިން އެކަށީގެންވާ ރައްކާތެރިކަން ނުލިބޭކަން މި ޓްރަޔަލްގެ ނަތީޖާ ދެއްކި ގޮތުން ޔަގީން ވެއެވެ. ނަމަވެސް ޓްރަޔަލްގެ ބައިވެރިންނަށް މި ވެކްސިންގެ ސަބަބުން އިތުރު ނުރައްކަލެއް ވެސް ކުރިމަތިނުވާކަން ސައިންސްވެރިންނަށް ޔަގީނެވެ.
ތައިލެންޑްގައި ޓެސްޓްކުރި އުހަމްބޯ ވެކްސިން އެފްރިކާގައި ދޭން ފެށީ ބަދަލުތަކެއް ގެނެސްގެންނެވެ. ސަބަބަކީ ސައުތު އެފްރިކާ އިން ފެންނަނީ ތަފާތު ޑޮމިނަންޓް ސްޓްރެއިން އެއްގެ އެޗްއައިވީ ކަމަށް ވާތީ އެވެ.
މި ވެކްސިންގައި ބޭނުންކޮށްފައި ހުރީ ކެނެރީފޮކްސް ކިޔާ ދޫނި ވައިރަސް އެކެވެ. މި ވައިރަސް އިންސާނުންނަށް އިންފެކްޝަން ޖެއްސިޔަސް އެތައް ގުނަޔެއް އިތުރެއް ނުވެ އެވެ. މި ވައިރަސް ކުރާ ކަމަކީ އެޗްއައިވީގެ ބޭރު ފަށަލައަށް ޕްރޮޓީންއެއް ފޯރުކޮށްދިނުމެވެ. އިމިއުން ސިސްޓަމަށް މި ޕްރޮޓީން ދަސްވެ އެޗްއައިވީން ރައްކާތެރިވުމަށް އެންޓިބޮޑީޒް އުފައްދާނެކަމަށް ސައިންސްވެރިން ވިސްނި އެވެ.
"މި ލިބުނީ ވަރަށް ބޮޑު މާޔޫސްކަމެއް. މީގެ މާނައަކީ ކެނެރީފޮކްސް އަކީ ކާމިޔާބަށް ވާސިލުވެވޭނެ މަގެއް ނޫންކަން،" މިޓްޗަލް ޖޭ. ވަރޮން ވިދާޅުވި އެވެ. އޭނާ އަކީ އެޗްއައިވީން ދިފާއު ވެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރާ ނިއުޔޯކްގެ ސައިންސްވެރިންގެ ގްރޫޕެއްގެ އިސް ސައިންސްވެރިއެކެވެ.
ބޭސް އުފެއްދުމުގެ އިންޑަސްޓްރީގައި ގަބޫލުކުރާ އުސޫލަކީ ފޭލް ވަންޏާ އަވަހަށް ފޭލްވުމެވެ. އޭރުން ފައިސާ އާއި އިންސާނީ ވަސީލަތް ބޭކާރު ނުވެ ފަރުޖެއްސޭނެ އެވެ.
އެޗްއައިވީގެ އިތުރު ދެ ޓްރަޔަލްއެއް ނަންބަރު 705 އާއި 706 އަދިވެސް ކުރިޔަށް އެބަ ދެއެވެ. މިއީ އިމްބޯކޯޑޯ އާއި މޮސައިކޯގެ ނަމުން ނަން ދީފައިވާ ދެ ޓްރަޔަލް އެވެ. މި ދެ ޓްރަޔަލްގައި ވެސް ވެކްޓާ އަކަށް ބޭނުން ކުރަނީ އަރިދަފުސް ރޯގާގެ ވައިރަސް އެވެ. ނަމަވެސް ބޭނުންކުރާ ޕްރޮޓީން ތަފާތެވެ.
އިމްބޯކޯޑޯ ޓްރަޔަލްގައި ބައިވެރިކޮށްފައި ވަނީ ދެކުނު އެފްރިކާގެ ފަސް ގައުމެއްގެ އަންހެނުންނެވެ. މޮސައިކޯގައި ބައިވެރިކޮށްފައިވަނީ ޔޫރަޕާއި ނޯތު އެމެރިކާގެ ގައުމުތަކުން ނަގާފައިވާ އެއް ޖިންސުން ގުޅުންހިންގާ މީހުންނާއި ޖިންސު ބަދަލުކޮށްގެން އުޅޭ ވަކިވަކި ފަރުދުންގެ ތެރެއިން ބައެކެވެ.