ފިނިޕޭޖް

ހައު ޓު ޓްރޭން ޔޯ ޑްރޭގަންއަށް އެކްޝަން ފިލްމެއް ހަދަނީ

ޔުނިވާސަލް ޕިކްޗާސް އާއި ޑްރީމްވޯކްސް އެނިމޭޝަން އިން ނެރުނު "ހައު ޓު ޓްރޭން ޔޯ ޑްރޭގަން" އެނިމޭޓަޑް ފީޗާ ފިލްމު ފްރެންޗައިޒްގެ ލައިވް-އެކްޝަން ފިލްމު ހަދަނީ އެވެ.

މި ލައިވް-އެކްޝަން ފިލްމު ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓް ކުރާނީ ޑީން ޑިބްލުވާ އެވެ.

މީނާ ކްރިސް ސޭންޑާސް އާއެކު "ހައު ޓު ޓްރޭން ޔޯ ޑްރޭގަން"ގެ އެނިމޭޓަޑް ފިލްމުތަކުގެ ފުރަތަމަ ފިލްމު ލިޔެ ޑައިރެކްޓްކުރިއިރު، ފަހު ދެ ފިލްމު ވަނީ ޑީން އެކަނި ލިޔެ ޑައިރެކްޓްކޮށްފަ އެވެ.

މީގެ އިތުރުން ޑީން އަކީ ޑިޒްނީގެ "ލީލޯ އެންޑް ސްޓީޗް" އެނިމޭޓަޑް ފިލްމުތައްވެސް ހެދި މީހާ އެވެ. މިއީ ޑީންގެ ފުރަތަމަ ލައިވް-އެކްޝަން ފިލްމެވެ.

މި ފިލްމްގެ ޕްރޮޑަކްޝަންގެ މަސައްކަތް ފަށާފައިވާއިރު، ހަބަރުތަކުން އަޑުއިވޭ ގޮތުގައި ކާސްޓިން މަރުހަލާވެސް ކުރިއަށް އެބަދެ އެވެ. މި ލައިވް-އެކްޝަން ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މާޗް 14، 2025 ގައެވެ.

ކްރެސިޑާ ކަވެލްގެ ވާހަކައަށް ބިނާކޮށްފައިވާ "ހައު ޓު ޓްރޭން ޔޯ ޑްރޭގަން"ގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2010 ގައެވެ.

މި ފިލްމުގައި ދައްކަނީ ވައިކިންގްސް އަވަށެއް ކަމުގައިވާ ބާކްގެ އިސް މީހާގެ ދަރިފުޅު 15 އަހަރުގެ ހިކަޕް އާއި ނައިޓް ފިއުރީ ޑްރޭގަންއެއް ކަމުގައިވާ ޓޫތްލަސްގެ ރަހްމަތްތެރި ކަމެވެ. އަދި ދެމީހުން ރައްޓެހިންނާ އެކުގައި ޑްރޭގަންސް ތަކާއި އެ ވިލެޖު ސަލާމަތްކުރުމަށް މަސައްކަތް ކުރާ ތަނެވެ.

މި ފްރެންޗައިޒްގެ ދެވަނަ ފިލްމް 2014 ގައި ނެރެފައިވާއިރު އެންމެ ފަހު އަދި ތިންވަނަ ބައި ނެރެފައިވަނީ 2019 ގައެވެ.

މީގެ އިތުރުން މި ފްރެންޗައިޒްއަށް ކުރު ތިން ފިލްމަކާއި ޓީވީ ސީރީޒަކާއި ވީޑީއޯ ގޭމްވެސް ވަނީ ހަދާފަ އެވެ. މިއީ "ޝްރެކް" ފިލްމު ފްރެންޗައިޒްގެ އިތުރުން ޑްރީމްވޯކްސްއަށް އެންމެ ކާމިޔާބު ފިލްމު ފްރެންޗައިޒްއެވެ.

"ހައު ޓު ޓްރޭން ޔޯ ޑްރޭގަން"ގެ ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުން 494.9 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ދެވަނަ ފިލްމަށް 622 މިލިއަން ޑޮލަރު ލިބިފައިވާއިރު، ތިންވަނަ ފިލްމަށް 522 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި މި ތިން ފިލްމުވެސް ވަނީ އެކަޑަމީ އެވޯޑަށް ނޮމިނޭޓްވެފަ އެވެ.

"ހައު ޓު ޓްރޭން ޔޯ ޑްރޭގަން"ގައި ހިކަޕްގެ އަޑު އަޅާފައިވަނީ ޖޭ ބަރުޗެލް އެވެ. އަދި އެސްޓްރިޑްގެ އަޑު އެމެރިކާ ފެރޭރާ އަޅާފައިވާއިރު، ސްޓޮއިކްގެ އަޑު އަޅާފައިވަނީ ޖެރާޑް ބަޓްލާ އެވެ. މީގެ އިތުރުން ކާސްޓް މެންބަރުންގެ ތެރޭގައި ކްރިސްޓިން ވީގް، ޖޯނާ ހިލް، ޑޭވިޑް ޓެނަންޓް، ކްރޭގް ފާގަސަން، ކްރިސްޓޮފާ މިންޓްޒް-ޕްލާސް އާއި ޓީޖޭ މިލާ ހިމެނެ އެވެ.