ރައްޔިތުންގެ މަޖިލިސް

އިބްރާހީމް ރިޒާގެ ހަނދާނުގައި ސުކޫތެއް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާގެ ހަނދާނުގައި ހަމަ ހިމޭން ކަމުގެ ސުކޫތެއް މަޖިލީހުގައި މިއަދު ގެނެސްފި އެވެ.

އިބްރާހީމް ރިޒާ އަވަހާރަވީ ގޮހޮރުގެ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަނިކޮށް ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އެވެ.

ރިޒާ ގެންދަވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުންނެވެ. އެގޮތުން ރިޒާ ވަނީ މެއި 28، 2009 އިން ފެށިގެން މެއި 27، 2014ގެ ނިޔަލަށް އަދި މެއި 28، 2014 އިން ފެށިގެން މެއި 27، 2019ގެ ނިޔަލަށް އަދި ޖޫން 10، 2019 އިން ފެށިގެން ފެބްރުއަރީ 22، 2023ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރުގައި މެންބަރުކަން ކުރައްވާފަ އެވެ.

"އަލް މަރްހޫމް އިބްރާހީމް ރިޒާ ވަނީ ރައްޔިތުންގެ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފަ. އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ އާއި ބަޖެޓު ދިރާސާކުރާ ކޮމެޓީ އާއި އެމްއެމްޕީއާރުސީ މައްސަލަ ދިރާސާކުރެއްވި ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ އާއި ޖުޑިޝަރީ ކޮމެޓީގެ ޖޮއިންޓް ކޮމެޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އާއި ގަވާއިދު ކޮމެޓީގެ ޖޮއިންޓް ކޮމެޓީ އާއި އަދި އިންތިގާލީ އިންސާފުގެ ބިލު ދިރާސާކުރުމަށް އެކުލަވާލެވުނު ޖޮއިންޓް ކޮމެޓީގެ ސަބް ކޮމެޓީގައި މަސައްކަތް ކުރައްވާފައިވޭ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި އެވެ.

މީގެ އިތުރުން ރިޒާ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައުމީ ސަލާމަތު ކޮމެޓީގެ މުގައްރިރު ކަމާއި 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިމްތިޔާޒު ކޮމެޓީގެ މުގައްރިރު ކަމާއި އެ ކޮމެޓީގެ މުގައްރިރުގެ ނައިބުކަން ކުރައްވާފަ އެވެ.

ރިޒާގެ ތައުޒިޔާގެ ދަފުތަރު މިއަދުން ފެށިގެން ތިން ދުވަސް ވަންދެން މަޖިލީހުގެ އިދާރާގައި އޮންނާނެ ކަމަށާއި އާންމުންނަށްވެސް ސޮއިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.