ރައްޔިތުންގެ މަޖިލިސް

ޝާޒް މެންބަރުކަމުގެ ހުވާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެންބަރު އިބްރާހީމް ޝާޒް މެންބަރުކަމުގެ ހުވާ ކުރައްވައިފި އެވެ.

އިބްރާހީމް ޝާޒް މެންބަރު ކަމުގެ ހުވާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޝާޒްއަށް މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައީޝާ ޝުޖޫން އެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮތީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

މި އިންތިހާބުގައި ވާދަކުރެއްވީ ތިން ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން އިބްރާހީމް ޝާޒް އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފް އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ދާއިމީ ނަތީޖާތަކަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް ޝާޒްއަށް ލިބިވަޑައިގަތީ 1،346 ވޯޓު -- 49.96 ޕަސަންޓެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1،226 ވޯޓު -- 45.51 ޕަސަންޓެވެ. އަލީ އާރިފުއަށް ލިބިވަޑައިގަތީ 122 ވޯޓު -- 4.53 ޕަސަންޓެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3،423 މީހުންނަށް ލިބިފައިވާއިރު ވޯޓުލާފައިވަނީ 2،755 މީހުންނަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ 61 ވޯޓު ބާތިލުކަމަށް ނިންމާފަ އެވެ.