ދުނިޔެ

ޔުކްރޭނަށް ޖާސޫސްކޮށްދޭ ކަމަށް ސީއައިއޭ އެއްބަސްވެއްޖެ

ރަޝިއާ-ޔުކްރޭން ހަނގުރާމާގައި ކަން ހިނގަމުންދާ ގޮތް ވަގުތުން ވަގުތަށް އެމެރިކާ މެދުވެރިކޮށް ޔުކްރޭނަށް ލިބެމުންދާ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

ޔުކްރޭން ހަނގުރަމަވެރިން ހަމަލާދެމުން ދަނީ ވެސް ކުރިއާލައި ރަޝިއާގެ ހަރަކާތްތައް އަންދާޒާކުރެވި އަދި އެ ދިމަދިމާއަށެވެ.

އެމެރިކާގެ ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގެ ޑައިރެކްޓަރު، ބިލް ބާންސް ވަނީ ޔުކްރޭނަށް ޖާސޫސްކޮށްދޭ ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ.

ބިލް ބާންސް ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާރަމަ ފެށުނީއްސުރެ އެމެރިކާއިން ކީޔެވްއަށް ރަޝިއާއާ ގުޅުން ހުރި މައުލޫމާތު ފޮރުކޮށްދެ އެވެ.

ސީއައިއޭއިން ޔުކްރޭނަށް ފޯރުކޮށްދޭ މައުލޫމާތުތަކުގެ ތެރޭގައި، ރަޝިއާ ސިފައިން ތިބޭ ތަންތަނާއި، ރޭވުން ހުރި ގޮތް އަދި ބޭނުންކުރާ ހަތިޔާރުގެ ބާވަތްތައް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާގެ ރޭވުންތައް އޮޅުންފިލުވައިދިނުމަށް ސީއައިއޭގެ ވެރިން ކީޔެވްއަށް ދަރުތުކޮށް އެ ގައުމުގެ އަސްކަރީއްޔާ ހޭލުންތެރި ކުރުވުމުގައި ވެސް ވަނީ މަސްއޫލުވެފަ އެވެ.

އެެމެރިކާ އާއި އިނގިރޭސިން ގުޅިގެން ޔުކްރޭނަށް ޖާސުސްކޮށްދިނުމަށް -- ބޭނުންކުރުން މަނާ ޓެކްނޮލޮޖީ ބޭނުންކުރިކަން ވެސް މިހާރު ވަނީ ފަޅާއަރާފަ އެވެ.

ރަޝިއާގެ އޮފިޝަލުންނަށް ފާރަލުމަށް ޒަމާނީ ސްޕައިވެއާތައް ބޭނުންކޮށް ފަރުދީ ހައްގުތަކަށް އެމެރިކާ އާއި އިނގިރޭސިން އަރައިގެންފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޔުކްރޭންގައި ރަޝިއާގެ ޖާސޫސުން އުޅޭތޯ ބެލުމަށް ފަރުދުންގެ ސްމާޓްފޯނާއި އިލެކްޓްރޯނިކް ޑިވައިސްތަކަށް ސީއައިއޭ ވަދެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ މީގެ އަހަރުތަކެއް ކުރިން އެމެރިކާގެ ނޭޝަނަލް ސެކިޔުރިޓީ ސާވިސްއިން ވެސް ހިންގި ޖަރީމާއެކެވެ.