ބޭރު ކުޅިވަރު

ހުރިހާ ކަމެއް ވެސް އޮތީ ޔުނައިޓެޑާ ދެކޮޅަށް: ވެން ހާލް

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ ތިން ވަނަ ޑިވިޝަންގެ ކެމްބްރިޖް ޔުނައިޓެޑް އަތުން ލަނޑެއް ނުޖެހި މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވި މެޗުގައި ހުރިހާ ކަމެއް ވެސް އޮތީ ޔުނައިޓެޑާ ދެކޮޅަށް ކަމަށް ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް ބުނެފި އެވެ.

މި މެޗު އެއްވަރުވުމުން، ޔުނައިޓެޑަށް ވަނީ އަމިއްލަ ދަނޑުގައި ކެމްބިރްޖްއާ ދެކޮޅަށް ދެވަނަ މެޗެއް ކުޅެން ޖެހިފަ އެވެ.

"މި މެޗުގެ ހުރިހާ ކަމެއް ވެސް ދިޔައީ އަހަރެމެންނާ ދެކޮޅަށް. ޕިޗާއި ރެފްރީ އާއި އެހެން ހުރިހާ ކަމެއް ވެސް އޮތީ އަހަރެމެންނާ ދެކޮޅަށް،" މެޗަށް ފަހު ވެން ހާލް ބުންޏެވެ. "އިދިކޮޅަށް ނުކުންނަ ޓީމުތަކުން އިތުރު ހިތްވަރެއް ކުރާނެ. އިދިކޮޅު ޓީމުގެ ސަޕޯޓަރުން ވެސް ތިބޭނީ ހަމަ އެގޮތުގައި."

މެޗުގައި ޔުނައިޓެޑަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ޔުނައިޓެޑްގެ ކޮލަމްބިއާ ފޯވަޑް ރަޑަމެލް ފަލްކާއޯ އާއި އާޖެންޓީނާގެ ވިންގާ އަންހެލް ޑިމަރިއާ ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ކީޕަރު ކްރިސް ޑަން ދިފާއުކުރިިއިރު، ރޮބިން ވެން ޕާސީ އަށް ލިބުނު ފުރުސަތެއް ވަނީ ބޭކާރުވެފަ އެވެ.

ވެން ހާލް ބުނީ މެޗުގައި ޔުނައިޓެޑަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ "އަސްލު ކުޅުން" ނުދެއްކުން ކަމަށެވެ. އަދި އެފްއޭ ކަޕަކީ ޔުނައިޓެޑަށް މުހިންމު މުބާރާތެއް ކަމަށެވެ.

"އެފްއޭ ކަޕް ވަރަށް މުހިންމު. ލީގު ކާމިޔާބުކުރުމަކީ މިހާރު ވަރަށް އުނދަގޫ ކަމެއް. އެހެންކަމުން އަހަރެމެން އެފްއޭ ކަޕަށް އިތުުރު ސަމާލުކަމެއް ދޭނަން،" ވެން ހާލް ބުންޏެވެ.

މެޗަށް ފަހު ކެމްބްރިޖްގެ ކޯޗު ރިޗަޑް މޫނީ ބުނީ މި ނަތީޖާއާމެދު އެ ކްލަބުން ފަހުރުވެރިވާ ކަމަށެވެ.

"މިއީ އަހަރެމެން ފަހުރުވެރިވާ ނަތީޖާއެއް. މި ނަތީޖާގެ ސަަބަބުން ވަރަށް ގިނަ ބަޔަކަށް ހިތްހަމަޖެހުމެއް ލިބިގެންދާނެ،" މޫނީ ބުންޏެވެ. -- ބީބީސީ