ދުނިޔެ

ޗައިނާއަށް އިނގިލި ދިއްކުރުމުގެ ހައްގެއް އެމެރިކާއަކަށް ނޯންނާނެ: ޗައިނާ

ޔޫކްރޭނާ ދެކޮޅަށް ރަޝިއާ ކުރާ ހަނގުރާމާގައި އެ ގައުމަށް އެހީތެރިވުމަށް، ލީތަލް އިކުއިޕްމަންޓް -- އަތުބޮމާއި ގްރޭނޭޑާއި މައިން އަދި ޓައިމްބޮމް ފަދަ ކުއްލިއަކަށް ބޮޑެތި އަނިޔާތައް ލިއްބައިދޭ -- ހަތިޔާރު ރަޝިއާއަށް ފޮނުވަން ޗައިނާ ވިސްނާ ކަމަށް އެމެރިކާ އޮތީ ބުނެފަ އެވެ.

މިކަމަށް ރައްދުދީ ޗައިނާއިން ބުނީ މޮސްކޯ އާއި ބެއިޖިންއާ ދެމެދު އޮންނަ ގުޅުމަށް ޝައްކުކޮށް ޗައިނާއަށް އިނގިލި ދިއްކުރުމުގެ އެއްވެސް ހައްގެއް ވޮޝިންގްޓަނަށް ނޯންނާނެ ކަމަށެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މައޯ ނިންގް ވިދާޅުވި ގޮތުގައި އެމެރިކާ އާއި ބައިވެރިން ޔުކްރޭން ހަނގުރާމަ ދިގުދަންމަން މަސައްކަތްކުރި ނަމަވެސް ޔުކްރޭން ހަނގުރާމައަށް ސުލްހަ ހޯދުމަށް އެންމެ ބުރަކަޮށް މަސައްކަތްކުރާ ގައުމަކީ ޗައިނާ އެވެ.

ދުނިޔޭގައި ހަމަނުޖެހުން ނަގާލާ ކަމަށް ބުނެ އެހެން ގައުމުތަކާ ދިމާއަށް އެމެރިކާއިން އިނގިލި ދިއްކުރާއިރު ޔުކްރޭނަށާއި ޓައިވާނަށް ވެސް ހަތިޔާރު ވިއްކަނީ އެމެރިކާއިން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރަމާގައި ރަޝިއާ ކޮޅަށް ޖައިނާ ބުރަވެ ހަތިޔާރު ފޯރުކޮށްދޭން އުޅޭ ކަމަށް އެމެރިކާ ބުނާއިރު، އެކަމަށް ހެކިދައްކާނެ އެއްވެސް އަސާސެއް އެމެރިކާއަށް ލިބިފައި ނޯންނާނެ ކަމަށް ވެސް މައޯ ނިންގް ވިދާޅުވި އެވެ.

ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ ޗައިނާ ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެ ސީއައިއޭގެ ޑައިރެކްޓަރު، ވިލިއަމް ބާން ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދިނުމަށް ޗައިނާ އޮތީ ހުރިހާ ތައްޔާރެއްވެގެންނެވެ.

ވިލިއަމް ބަންސް ވިދާޅުވި ގޮތުގައި ޗައިނާއިން ހަތިޔާރު ޝިޕްމަންޓެއް ރަޝިއާއަށް އަދި ދަތުރުނުކުރި ނަމަވެސް، އެ މައުލޫ އޮތީ އެޖެންޑާކޮށްފަ އެވެ.

އެމެރިކާ ސަރުކާރުން މިކަމާ މެދު ސީރިއަސްކޮށް ވިސްނައި ޗައިނާއާށް ހަރުކަށި ބަހުން އިންޒާރު ދިނުމަށް ވެސް އޭނާ އޮތީ ގޮވާލާފަ އެވެ.