ދުނިޔެ

ހުޅަނގު އައްސޭރީގައި އިމާރާތްކުރުން ހުއްޓައެއް ނުލާނަން: ނަތަންޔާހޫ

އިޒްރޭލުން އިސްތިއުމާރުކޮށްފައި އޮތް ފަލަސްތީންގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްޓައި ނުލައްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ މިހެން ވިދާޅުވީ ސަބަބަކީ ފަލަސްތީނާއި އިޒްރޭލާއި އުރުދުން، އެެމެރިކާ އަދި މިސްރުގެ އޮފިޝަލުންނާ އެކު އުރުދުންގެ އަގަބާގައި ބޭއްވެވި ބައްދަލުވުމުގައި -- ހުޅަނގު އައްސޭރިގައި ޔަހޫދީން އާބާދުކުރަން އިޒްރޭލު ގަވައިދާ ހިލާފަށް ހިންގަމުން ގެންދާ ޕްރޮގްރާމްތައް -- މެދުކަނޑާލުމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްބަސްވެ ވަޑައިގެންނެވި ކަމަށް އިޒްރޭލުގެ ނޫސްތަކުން ބުނުމުންނެވެ.

ނަތަންޔާހޫ ވިދާޅުވީ ގެދޮރު ބިނާކުރަން އޮތް ތާވަލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އެ ޕްރޮގްރާމް ހުއްޓައި ވެސް ނުލައްވާނެ ކަމަށެވެ.

ފަލަސްތީން-އިޒްރޭލް މަޝްރަހާ ގުޅޭ ގޮތުން އަގަބާގައި ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހުނީ އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީންގެ އަވަށްތަކަށް ވަދެގަނެ އާންމުން މަރައި ގެދޮރުގައި ހުޅުޖަހަން ފެށުމުންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިއަހަރުގެ މިހިސާބަށް ފަލަސްތީންގެ 62 މީހަކު ވަނީ މަރާފަ އެވެ.

އަގަބާގައި އޮތް ބައްދަލުވުމުގައި މަޝްރަހު ފިނިކުރަން މަސައްކަތްކުރާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. އިޒްރޭލާ މަޝްވަރާކުރުމުގެ ބޭނުމެއް ނެތް ކަމަށް ފަލަސްތީނުން ކުރިން ބުނި ނަމަވެސް، ސުލްހައަށް ޓަކައި މަޝްވަރާކުރާނެ ކަމަށް ފަލަސްތީނުން ވެސް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް، އިޒްރޭލާ އެކު ކުރާ ހުރިހާ މަޝްވަރާއެއް ފޭލިވަނީ ހަމަ އިޒްރޭލުގެ ސަބަބުންނެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު ބިނާކުރުމަކީ އެ ގައުމުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު ޖަރީމާ އެވެ. ފަލަސްތީންގެ ރައްޔިތުން އެންމެ ބޮޑަށް ޝަކުވާކުރަނީ ވެސް އެ މީހުންގެ ބިންތައް ޔަހޫދީ ކާފަރުންނަށް ހިބަކޮށްދޭތީ އެވެ.